އެއާޕޯޓާ ގުޅިގެން އެމްޑީޕީގެ އިސް ވެރިން ހިތުގައި ޖެހުމަކީ މައްސަލައެއް، މާޒީ ދޫކޮށްލުން ރަނގަޅު

ވީއައިއޭގެ ތަރައްގީއާ ބެހޭ ވާހަކައެއް އަންނަ ކޮންމެ ފަހަރަކު އެމްޑީޕީގެ އިސް ބައެއް ވެރިންގެ ހިތުގައި ޖެހެ އެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 
އިންޑިއާގެ ޖީއެމްއާރަށް 2010ގައި 25 އަހަރަށް އަދި އެ މުއްދަތަށް ފަހު އިތުރު 10 އަހަރަށް ދަންމާލެވޭ ގޮތަށް ހެދި އެއްބަސްވުން، ނަޝީދުގެ ވެރިކަން ނިމި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން 2012ގައި އުވާލީ އެވެ. އެހާ ހިސާބުން ވީއައިއޭ ހިންގުން އަނެއްކާވެސް އެމްއޭސީއެލްގެ ދަށަށް ދިޔައީ އެވެ.
އެތައް ބިލިއަން ޑޮލަރެއްގެ ބަދަލު ހޯދަން ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިއުމުން އެމްޑީޕީން އޭރު ދިވެހިން ބިރުގެންނުވީ ގައުމު ދަރުވާލާނެއޭ ކިޔައިގެންނެވެ. ނަމަވެސް އާބިޓްރޭޝަންގެ ނިންމުން އައީ އެ ބުނާވަރުގެ ބޮޑު ބަދަލެއް ދޭ ގޮތަކަށް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމުނު މައްސަލާގައި އެމްއޭސީއެލްއަށް ދޭން ޖެހުނީ ގާތްގަނޑަކަށް 270 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) އެވެ.
މިހާރު ވީއައިއޭއަކީ ބޭރު ކުންފުންޏަކަށް ދީގެން، އެމްޑީޕީ ސަރުކާރުން އޭރު ހެދި ގޮތަށް 'އަތްއުރާލައިގެން' ތިބޭ ވަރަށް ވުރެ، މާ ފައިދާ ބޮޑު ތަނެކެވެ. ޖީއެމްއާރުން ޕްލޭންކޮށްފައި އޮތް ތަރައްގީއާ ނުބައްދަލު، އެއަށް ވުރެ މާ ބޮޑެތި އެތައް ތަރައްގީއެއް އެ އޮތީ އައިސްފަ އެވެ.
ފަހުރުވެރިވާށެވެ. ދިވެހިން އަމިއްލައަށް ތިމަންމެންގެ މައި އެއާޕޯޓް އެ އޮތީ ތަރައްގީކޮށްފައޭ ބުނެލާށެެވެ.
އެކަމަކު ނަޝީދު އާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އަދިވެސް މި އުޅުއްވަނީ މާޒީގެ ސަފުހާއިން އުފެދޭ ހިތްދަތިކަމުގަ އެވެ. ޖީއެމްއާރުގެ އެއްބަސްވުން ދިފާއުކުރައްވާށެވެ. އެކަމަކު ވީއައިއޭއަށް ބޭނުންވެފައި އޮތް ކަންކަމަށް ބަލާއިރު ޖީއެމްއާރުގެ ވިސްނުން ވެސް ގޯހެވެ.
ފުރަތަމަ މުސްކުޅި ރަންވޭ ނަގަމާ ހެއްޔެވެ؟ ޖީއެމްއާރަށް އެއާޕޯޓް ދިން އިރު ވެސް ރަންވޭގެ ހާލަތު ދަށެވެ. ވައިގެ ދަތުރުފަތުރަށް އެތައް ހުރަހެއް އެޅުނެވެ. ޖީއެމްއާރުގެ ސީއީއޯ އެންޑްރޫ ހެރިސަން ފުރަތަމަ އިންޓަވިއުއެއް ދެއްވީ "ހަވީރު'އަށެވެ. އަޅުގަނޑަކީ އޭރު 'ހަވީރު'ގެ އެޑިޓަރެވެ. އެ އިންޓަވިއުއަށް ދިޔަ ނޫސްވެރިންނަށް މައުލޫމާތު ދެމުން އަޅުގަނޑު ބުނީ އާ ރަންވޭއެއް ހެދުމުގެ ޕްލޭން ޖީއެމްއާރުގެ އެބަ އޮތްތޯ ސުވާލުކުރާށެވެ.
މޮޅު އަދި އެހާމެ ހިތްހެޔޮ ހިންގުންތެރިއެއްގެ ގޮތުގައި ދިވެހިންނަށް ވެސް ފެނުނު އެންޑްރޫ އެ ދުވަހު ވިދާޅުވީ 'ނޫނެކޭ' އެވެ. މިހާރު އޮތް ރަންވޭ ކުރިއަށް އޮތް 35 އަހަރަށް ވެސް ބޭނުންކުރެވޭނެ ކަމަށެވެ.
ނަޝީދާއި އެމްޑީޕީގެ އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތަށް، ސަރުކާރުން ޒިންމާވުމެއް ނެތި، ޖީއެމްއާރުން އާ ޓާމިނަލެއް ހަދަން އުޅުނެވެ. ތެދެކެވެ. އެ ޓާމިނަލްގެ މަޝްރޫއު، ނަޝީދު ވެސް ބައިވެރިވެވަޑައިގެން، ފެށި އެވެ. ވީއައިއޭގެ އިރުދެކުނުން ބޮޑު ސަރަހައްދެއް ހިއްކައިގެން ޓާމިނަލް އަޅަން ބުޑުތައް ވެސް ޖެހި އެވެ. އެކަމަކު އެ ތަން އެގޮތަށް ހެދި ނަމަ ވީއައިއޭއަށް އާ ރަންވޭއެއް ހެދޭނެ އެއްގޮތެއް ވެސް ނޯންނާނެ އެވެ. އެހެންކަމުން އެމްއޭސީއެލްއިން އެ ބުޑުތައް ނަގައި އުކާލީ އެވެ.
ޔާމީންގެ ވެރިކަމުގައި ފެށި ބިލިއަނެއްހާ ޑޮލަރުގެ ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އަދި ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ އާ ރަންވޭގެ ދެކުނު ކޮޅު އެ އޮތީ، ޖީއެމްއާރުން ހަދަން އުޅުނު ޓާމިނަލް ސަރަހައްދުގަ އެވެ.
ޖީއެމްއާރަށް ބަދަލު ދޭން ޖެހުމާ ގުޅިގެން 'މިހާރު'ގައި 9 ނޮވެމްބަރު 2016ގައި ނަޝީދުގެ މަޒުމޫނެއް ޖެހީމެވެ. އޭރު 'މިހާރު'ގެ އެޑިޓަރަކީ އަޅުގަނޑެވެ. އެމަނިކުފާނު ހިޔާރުކުރެއްވި ސުރުހީއަކީ 'އެއާޕޯޓެއް ނުހެދޭނެ، ބޮޑުވީ ދައުލަތުގެ ދަރަނި' މި އެވެ.
އޭރު އެމްއޭސީއެލްއިން ވަނީ އާ ރަންވޭ، އާ ޓާމިނަލް، އާ ފިއުލް ފާމް، އާ ކާގޯ ޓާމިނަލް ފަދަ އެތައް ކަމެއް ހިމެނޭ މަޝްރޫއު އިއުލާންކޮށް، އޭގެ ބައެއް މަސައްކަތްތައް ފަށައިފަ އެވެ. ވީއައިއޭގެ ތަރައްގީއަށް ނަގާ ލޯނު ދައްކަނީ ސަރުކާރަކުންނެއް ނޫނެވެ. އެއީ އެމްއޭސީއެލްގެ ޒިންމާއެކެވެ. އޭރު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއާޕޯޓްގެ ތަަރައްގީއަށް ބޭނުންވާ ލޯނު ނަގައި އަދި އެ ލޯނު ދެއްކޭވަރުގެ ގާބިލްކަން ވެސް އެމްއޭސީއެލްގައި އެބަ ހުރި ކަމަށެވެ. އެހާ ވެސް އެ ކުންފުނި މުއްސަންޖެވެ.
ނަޝީދު ޖައްސަަވާ ހިސާބަކީ މި އެވެ: ޖީއެމްއާރުން އެއާޕޯޓް ހިންގި ނަމަ ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް 25 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 45 ބިލިއަން ރުފިޔާ ލިބޭނެ ކަމެވެ.
އެމަނިކުފާނު ދައްކަވާ އެއް ވާހަކަފުޅު ރަނގަޅެވެ. އޭރު އެމްއޭސީއެލްއަކީ އެހާ މުއްސަނދި ކުންފުންޏެއް ނޫނެވެ. އެމްއޭސީއެލްގެ އާމްދަނީ ބޮޑުވީ ޖީއެމްއާރުން އެއާޕޯޓް ހިންގި ގޮތަށް ހިންގަން ފެށީމަ އެވެ. އޭގެ ކުރިން އެމްއޭސީއެލްއިން އެއާޕޯޓް ހިންގި އިރު އެތަނުގެ އެކި ވިޔަފާރިތައް އޮތީ އެކި ފަރާތްތަކަށް ދީފަ އެވެ. ނަމަވެސް ޖީއެމްއާރުން ރާއްޖެ އައީ ވިޔަފާރީގެ ބޮޑު ފައިދާއެއް ހޯދައި، އޭގެ ބައެއް ސަރުކާރަށް ދައްކަން ކަމަށް ވާތީ، އެއާޕޯޓްގައި ހިމެނޭ ވިޔަފާރީގެ ހުރިހާ ފުރުސަތެއް ލިބުނީ އެ ކުންފުންޏަށެވެ.
ޖީއެމްއާރުން 25 އަހަރުގެ ތެރޭގައި 45 ބިލިއަން ރުފިޔާ ސަރުކާރަށް ދައްކާނެ ކަމަށް ލަފާކުރި އިރު އެމްއޭސީއެލްއިން އަމިއްލައަށް ހިންގައިގެން އެއަށް ވުރެ މާ ބޮޑު އާމްދަނީއެއް ލިބޭނެ އެވެ. މިދިއަ އަހަރު އެމްއޭސީއެލްގެ އާމްދަނީއަކީ 8.6 ބިލިއަން ރުފިޔާ އެވެ. ޖީއެމްއާރުއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ނިމެން އޮތީ 2035ގަ އެވެ. ހަމައެކަނި ކުރިއަށް އޮތް 10 އަހަރަށް، އަހަރަކު 8 ބިލިއަން ރުފިޔާގެ އާމްދަނީއަކުން ކުޑަ ހިސާބެއް ހަދާލިޔަސް އެއީ 80 ބިލިއަން ރުފިޔާ އެވެ. 
ލޯނު ނަގައިގެން ވިޔަސް ވީއައިއޭ ތަރައްގީކުރުމުގެ ފައިދާ ބޮޑީ ކޮން ގޮތަކަށް ހެއްޔެވެ؟
އެމްއޭސީއެލްއަށް ނަގާ ލޯނަކީ ގެދޮރު ހަދާށާއި ބްރިޖް އަޅަން މިހާރު ނަގަމުން ދާ ލޯނު ކަހަލަ އެއްޗެއް ނޫނެވެ. ރާއްޖޭގެ ޓޫރިޒަމްގައި ދުޅަހެޔޮކަމެއް ހުރި ނަމަ ހަމަޖެހިލައިގެން ލޯނުތައް ދެއްކޭވަރުގެ ވިޔަފާރިއެއް އެމްއޭސީއެލްއަށް ކުރެވޭނެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު މާ ބޮޑަށް ވިސްނަވަން ޖެހޭނެ ކަމެއް ވެސް ނޫނެވެ.
އެމްޑީޕީގެ ބައެއް ވެރިން، ޖީއެމްއާރުގެ މާޒީ ދޫކޮށްލުން ރަނގަޅުވާނެ އެވެ. ޖީއެމްއާރު ބޭރުކޮށް ހޯދި އެއާޕޯޓްގެ ތަރައްގީ އެ އޮތީ ފެންނާށެވެ. ޔާމީންއަށް ތަައުރީފުގެ ބަހެއް ބުނެލެވެން ނެތް ނަމަ ނުބުނެ ހުންނާނީ އެވެ. އޭގެ ބަދަލުގައި ޖީއެމްއާރުގެ އެއްބަސްވުން ކިތައްމެ ވަރަކަށް ދިފާއުކުރިޔަސް އަދި ކަމަކުނުދާނެ އެވެ. 
ޖީއެމްއާރު ގޮތަށް ހަމައެކަނި ވިޔަފާރިއަށް ވިސްނައިގެން އެމްއޭސީއެލް ހިންގާ ނަމަ ކުންފުންޏަށް ލިބޭ ފައިދާ އަދި މާ ބޮޑުވީހެވެ. އެކަމަކު އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ވެސް ބޭނުންނުވާ ވަރަށް އެތައް ސަތޭކަ މުވައްޒަފުން އެމްއޭސީއެލްއަަށް ވެއްދި އެވެ. މިހާރުގެ ސަރުކާރުން ވެސް އެކަން އެގޮތަށް އެބަ ކުރެ އެވެ. އެހެންކަމުން ކުންފުންޏަށް އަސްލު ލިބެން އޮތް ފައިދާ ކުޑަވާނެ އެވެ.
އެކަމަކު މައްސަލައެއް ނެތްތާ އެވެ. ވީއައިއޭގެ ކޮންމެ ދިމާލަކުން ވެސް އެ ފެންނަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެން ގެނައި ތަރައްގީ އެވެ. ސީޕްލޭން ޓާމިނަލް އެހާ ހިތްގައިމެވެ. ސީއައިޕީ (ވީއައިޕީ) ވެސް އެހާމެ ފެންވަރު މައްޗެވެ. އާ ރަންވޭ އާއި އާ ފިއުލް ފާމާއި އާ ކާގޯ ޓާމިނަލްގެ ސަބަބުން ވީއައިއޭ އެ އޮތީ ޒަމާނީވެފަ އެވެ. މިހާރު އެ ތައްޔާރުވަނީ، އެމްޑީޕީގެ ސަރުކާރުގެ ވެސް ބޮޑު ހިއްސާއެއް އޮވެގެން ހެދި އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވާށެވެ.
ރޭ އަޅުގަނޑަށް އެމްއޭސީއެލްގެ މުވައްޒަފަކު ރީތި ފޮޓޯތަކެއް ފޮނުވި އެވެ. އޭނާ ލިއުނެވެ: 'މިއީ ހަމައެކަނި މޫސަގެ ލޮލަށެ'ވެ. މާނައަކީ ނޫހުގައި ޖަހާކަށެއް ނޫނެވެ.
'އެހާމެ ރީތި އަދި އެޑްވާންސްޑް ޓެކްނޮލޮޖީ،" އޭނާ ބުނެލި އެވެ.
އެމްޑީޕީގެ ބައެއް ވެރިން ހިތްބަރުނުކުރާށެވެ. ހިތްބަރުކުރާ ނަމަ އޭގެ ފަހަތުގައި އޮންނާނީ ކޮންމެހެން ދައުލަތުގެ ދަރަނި ބޮޑުވުމެއް ނޫނެވެ. ލިބެން އޮތް އަމިއްލަ މަންފާއެއް ބީވެެގެން ދިއުމެވެ. ފަހަރެއްގައި ސިޔާސީ ކަންކަމަށް ހަރަދުކުރާނެ ފައިސާ ފަސޭހައިން ލިބޭނެ އެއް މަގު ބަންދުވީ އެވެ. ނުވަތަ ޖީއެމްއާރުއާ ގުޅިގެން ކުރަމުން އައި ކޮންމެވެސް ކަމަކުން ލިބުނު ފައިދާ ހުއްޓުނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ