ބޭސް ވިއްކާ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ފީތައް ބޮޑުކޮށް، ބޭހާ ބެހޭ އާ ގަވާއިދެއް ހެދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.
ބޭސް ވިއްކާ ބައެއް ކުންފުނިތަކުން ބުނީ ބޭސް ރަޖިސްޓްރީ ކުރުން ފަދަ ކަންކަމަށް "ދެކޮޅު ނުޖެހޭ" އަގުތަކެއް އާ ގަވާއިދު ހިމަނާފައިވާ ކަމަށެވެ. ގަވާއިދުގެ ޑްރާފްޓެއް މި ނޫހަށް ވެސް ވަނީ ލިބިފަ އެވެ.
ބޭސް ރަޖިސްޓްރޭޝަން ސަބްމިޝަން، ބޭސް ރަޖިސްޓްރޭޝަން އަދި އަލުން ބޭސް ރަޖިސްޓްރީ ކުރުން ހިމެނޭ ގޮތަށް 17 ހިދުމަތެއްގެ އަގު ބޮޑު ކުރަން ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ. ކުންފުނިތަކުން ބުނަނީ، މިހާރު އޮތް ގޮތަށް ގަވާއިދު ގެޒެޓުކޮށްފި ނަމަ އެފަދަ ކަންކަމަށް ކުރާ ހޭދަ 1096 ޕަސެންޓު ބޮޑުވާނެ ކަމަށެވެ.
"ގަވާއިދު މިހާރު އޮތް ގޮތުން މިކަންކަމަށް އަޅުގަނޑުމެން ކުރަމުން އައި ހަރަދު އެތައް ގުނައެއް ބޮޑުވެގެންދާނެ. މިހާރު އެކަންކަމަށް މި ހަރަދު ކުރަނީ 69،000 ރުފިޔާ ވަރު. މި ގޮތަށް ގަވާއިދު ބަދަލުކޮށްފި ނަމަ އަށް ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހަރަދު ކުރަންޖެހޭނެ،" ބޭސް ވިއްކާ މީހަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
ބޭހުގެ އަގު ބޮޑުވެދާނެ ފަދަ ގޮތަކަށް ގަވާއިދެއް ހަދަން މަސައްކަތް ކުރާއިރު، ބޭސް ލިބުމުގެ ދަތިކަން މިހާރު ވެސް ވަރަށް ބޮޑެވެ. ބޭސް ވިއްކާ ކުންފުނިތަކުން ބުނީ ބޭހުގެ ދަތިކަން ކުރިމަތިވާ އެއް ސަބަބަކީ ބޭސް ރަޖިސްޓްރީ ކުރަން ދަތިކޮށްފައި އޮތުމެވެ.
ރާއްޖޭގައި ބޭހެއް ރަޖިސްޓްރީ ކުރަން ބޭނުންވާ ނަމަ، އެ ބޭހެއްގެ ހުރިހާ ލިޔެކިޔުމެއް ސަރުކާރާ ހަވާލު ކުރަންޖެހެ އެވެ. އެކަމަކު، ރާއްޖެ ފަދަ ކުޑަ މާކެޓެއްގައި ބޭސް ވިއްކާ ކުޑަ ކުންފުންޏަކަށް ލިޔެކިޔުން ހަވާލު ކުރަން ބޭސް ހަދާ ކުންފުނިތަކުން ޖެހިލުންވެ އެވެ.
ބޭހަށް ދަތިވާ އަނެއް ސަބަބަކީ، ވިޔަފާރިވެރިން ބުނާ ގޮތުން، އެސްޓީއޯއަށް އެކަނި ބައެއް ބޭސްތައް ވިއްކުމުގެ ހުއްދަ އޮތުމެވެ. އެސްޓީއޯއިން އެކަނި ވިއްކާ ބޭސްތައް ޑިމާންޑާ އެއްވަރަށް ރާއްޖެއަށް އެތެރެ ނުކުރެވޭ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ބޭހުގެ އަގު ބޮޑުވެދާނެ ފަދަ މާއްދާތަކެއް އާ ގަވާއިދުގައި ހިމަނާފައި މި ވަނީ، ބޭހުގެ އަގު ބޮޑު ކުރުމުގެ ފުރުސަތު "މެޑިކަލް މާފިއާ" ތަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ، ބޭހުގެ ވިޔަފާރި ކުރާ ކުންފުނިތަކަށް ރައީސް މުހައްމަދު މުއިއްޒު ބަހުގެ ހަމަލާތަކެއް ދެއްވާފައި އޮއްވަ އެވެ.
"މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް ނުދޭނަން. އަޅުގަނޑުމެން މި ދަނީ ހުރިހާ ބޭހެއް، އެއީ އެމްއެފްޑީއޭ އެޕްރޫވުޑް ލިސްޓުގައި ހުރި ހުރިހާ ބޭހެއް. އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް 15 މާޗާ ހަމައަށްދާއިރު ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން ހުރިހާ ބޭހެއް އެއްވެސް ކަންބޮޑުވުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ފެބްރުއަރީ 24، 2025، ގައި ރައީސް ވިދާޅުވި އެވެ.
ބޭހުގެ އަގު ބޮޑުވެދާނެ ފަދަ ފީތަކެއް ހިމަނައިގެން ބޭހާ ބެހޭ އާ ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރަނީ ބޭހުގެ އަގު ބޮޑުވެދާނެ ފަދަ ފީތަކެއް ހިމަނައިގެން ބޭހާ ބެހޭ އާ ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ