ސަރުކާރު ކުންފުނިތަކަށް އިތުރު ބަދަލެއް، އާރުއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިއުއެސްސީއަށް

ސަރަހައްދީ އެއާޕޯޓްތައް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާހިދު، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ބަދަލުކޮށްފިއެވެ. އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް ޝާހިދު ހަމަޖެއްސިކަން ހާމަކޮށް، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ. މީގެ ކުރިން ފެނަކައިގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑުގެ މަގާމު ވެސް ފުރުއްވި ޝާހިދު އާރުއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ޑިސެމްބަރު 31، 2023އިން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އޭނާ ރާއްޖޭގެ ބައެއް ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އާރުއޭސީއެލް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެއްކޮށްލަން ނިންމައިފައެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ނިންމައިފައިނުވެއެވެ. https://sun.mv/209242 ފާހަގަކޮށްލެވޭ ގޮތުގައި، އާރުއޭސީއެލްގެ އެމްޑީ ކަމަށް 2023 ވަނަ އަހަރު އައްޔަންކުރި އަހުމަދު މުބީން ވަނީ މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފުވެފައިނުވެއެވެ. ސަރުކާރުން ހިންގާ ސަރަހައްދީ އެއާޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް، އާރްއޭސީއެލް އުފައްދައިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި 2020ގައެވެ. މި ފަހުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ ހިންގުމަށް އެކި ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އައްޔަންކޮށް، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކޮށްފައެވެ. އަދި އާރުޑީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު ވަނީ މިއަދު އެޗްޑީސީއަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ