ހަތް އަހަރު ފަހުން، ކުރީގެ ޑިފެންސް ޗީފް ޝިޔާމަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ކުރީގެ ޑިފެންސް ޗީފް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ފަހު، ދައުލަތުން މައްސަލަ އަނބުރާ ގެންގޮސްފިއެވެ. ޝިޔާމަށް ދައުވާ ކުރީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ތުހުމަތުކޮށެވެ. ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ އޭނާގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައް ވެސް ދިން ކަމަށް ދައުވާގައި ބުނެފައިވެއެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޝިޔާމަށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. އެހެންވެ ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ހައިކޯޓަށް ހުށަހެޅީ، މިއަހަރުގެ ޖަނަވަރީގައެވެ. މި މައްސަލަ ކުރިއަށްދަނިކޮށް، ހައިކޯޓުން ދައުވާ އަނބުރާ ގެންދަން ނިންމީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. ދައުވާ ބާތިލްކޮށް ހައިކޯޓުން ނެރުނު ރިޕޯޓުގައި ވަނީ މި މައްސަލަ ހިނގައިދިޔަތާ ހަތް އަހަރުވެފައި ވާއިރު، ޝިއާމުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައި ނުވާތީ މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް އޮތްކަމަށް އެ އޮފީހަށް ނުފެންނަ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް ޗީފަކަށް ހުންނެވި ޝިޔާމް ވީއައިޕީ ގެއެއްގައި، 2017ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް، އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އެނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. ކުރިން 2020ވަނަ އަހަރު ޝިޔާމްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އޭރު ހުންނެވި ޕީޖީގެ އެންގެވުމަކަށެވެ. އޭސީސީން ފުރަތަމަ ނިންމީ ޝިޔާމާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ