ޕެރިސް (ޖޫން 4) - ކުއާޓާ ފައިނަލުގައި ރަޝިއާގެ ޑިއާނާ ޝްނައިޑާ އަތުން ބަލިވެ، ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، ބެލަރޫސްގެ އަރީނާ ސަބަލެންކާ އަށް މި ފަހަރު ވެސް ފްރެންޗް އޯޕަން މުބާރާތުގައި ހިތްދަތި ނިމުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެެ.
ދުނިޔޭގެ ރޭންކިން އެއް ވަނައިގައި 93 ހަފްތާ ވަންދެން މަގާމު ދަމަހައްޓާފައިވާ ސަބަލެންކާ އަށް ކެރިއަރުގައި މިހާތަނަށް ފްރެންޗް އޯޕަން ތަށި ނުލިބެ އެވެ. މި ފަހަރުގެ މުބާރާތުގައި ޑްރޯ އޮތްގޮތުން ސަބަލެންކާ އަކީ ފޭވަރިޓް ކަމަށް ބެލެވުނު ނަމަވެސް، ކުއާޓާ ފައިނަލާ ހަމައިން މުބާރާތް ނިމުނީ ޑިއާނާ އަތުން 3-6، 7-5 އަދި 6-0 އިން ބަލިވުމުންނެވެ.
ހަތަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށި ހޯދާފައިވާ ސަބަލެންކާ އަށް 2023 ވަނަ އަހަރު ފެށިގެން އެއްވެސް ގްރޭންޑް ސްލޭމެއްގެ ކުއާޓާ ފައިނަލުން ނޫން ގޮތަކަށް ކަޓާފައިނުވި ނަމަވެސް، މި ފަހަރުގެ ފްރެންޗް އޯޕަންގައި މި ގެއްލުނީ ބޮޑު ފުރުސަަތެކެވެ.
ސަބަލެންކާ ބުނީ، އޭނާ އަށް ފްރެންްޗް އޯޕަންއެއްގައި ކާމިޔާބު ނުލިބިގެން އުޅެންޖެހޭ އެއް ސަބަބަކީ އަމިއްލަ އަށް ޕްރެޝަރަށް ވެއްޓިގެން ކަމަށެވެ.
"މާ ބޮޑަށް މި ކަންކަމާ ވިސްނެނީ، ނޫނީ މި ވާހަކަތަަކާ ގުޅިގެން މާ ބޮޑަށް ޖަޒުބާތުގައި ޖެހެވެނީ،" ސަބަލެންކާ ބުންޏެވެ.
ގްރޭންޑް ސްލޭމް ދެ މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަން މުބާރާތުގެ ޗެމްޕިއަންކަން ސަބަލެންކާ ވަނީ ހަތަރު ފަހަރަށް ހޯދައިފަ އެވެ. އެއީ، ކޮންމެ މުބާރާތެއް ދެ ފަަހަރު އެވެ. ސަބަލެންކާ އަށް ނުހޯދެނީ، ކްލޭގައި ކުޅޭ ފްރެންޗް އޯޕަން އާއި ވިނައިގައި ކުޅޭ ވިމްބަލްޑަން މުބާރާތެވެ.
މިދިޔަ އަހަރު ސަބަލެންކާ އަށް ފްރެންޗް އޯޕަންގެ ފައިނަލާ ހަމައަށް އާދެވުނުއިރު، ފައިނަލްގައި ބަލިވީ އަމިއްލަ އަށް ގިނަ ގޯސްތަކެއް ހެދިގެންނެވެ. ސަބަލެންކާ، ސިފަ ކުރާ ގޮތުގައި އެއީ މިހާތަނަށް އޭނާ ކުޅުނު އެންމެ ދަށް ފައިނަލް މެޗެވެ. ސަބަލެންކާ، 2023 ވަނަ އަހަރުގެ ފްރެންޗް އޯޕަންގައި ވެސް ކެޓީ ކުއާޓާ ފައިނަލުންނެވެ.
މުޅި ކެރިއަރަށް ބަލާއިރު، ސަބަލެންކާ ވަނީ ބޮޑެތި މުބާރާތްތަކުގެ ހަތަރު ފައިނަލަކުންނާއި ހަ ސެމީ ފައިނަލުން ބަލިވެފަ އެވެ. މި އަހަރުގެ މިހާތަނަށް ފުރަތަމަ ދެ ގްރޭންޑް ސްލޭމް ނިމުނުއިރު، ދެން އޮތް ދެ ގްރޭންޑް ސްލޭމް ކަމަށްވާ ވިމްބަލްޑަން އާއި ޔޫއެސް އޯޕަން އަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ސަބަލެންކާ ވަނީ ބުނެފަ އެވެ.
ފްރެންޗް އޯޕަންގައި މި ފަހަރު ވެސް ސަބަލެންކާ އަށް ހިތްދަތިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ