ފެނަކައިގައި ވަޒީފާ އަދާ ކުރާ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަނީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާ ކުރާ ހުރިހާ މުވައްޒަފުންގެ އެންމެ ފަހުގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ފޮނުއްވުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފިއެވެ. އެ ކުންފުނިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ ހުރިހާ ޑިޕާޓްމަންޓް ތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށްފަހު، އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ. ފެނަކައިން މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން ފަށާފައި މިވަނީ އެ ކުންފުނީގެ އާ މެނޭޖްމަންޓްގެ ދަށުން ކުންފުނީގެ ހަރަދު ކުޑަކުރުމަށް، މުވައްޒަފުން މަދުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ވަޒީފާއިން ވަކިވުމަށް އެދޭ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭން އެ ކުންފުނިން ވަނީ ނިންމައިފައެވެ. https://www.sun.mv/222793 ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން، ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވީ، ފެނަކައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި ކުންފުނިން މީހުން މަދުކުރުމުގެ މަސައްކަތުގެ ދަށުން، ހެޑް އޮފީހާއި އަތޮޅުތަކުގެ ބްރާންޗުތަކުގައި ތިބެން ޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ފެނަކައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި. ކުންފުނިން މީހުން މަދުކުރުމުގެ މަސައްކަތުގެ ދަށުން، ހެޑް އޮފީހާއި އަތޮޅުތަކުގެ ބްރާންޗުތަކުގައި ތިބެން ޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން." އެމްޑީ އަފީފް ވިދާޅުވިއެވެ. މި ބަދަލުތަކުގެ ދަށުން އަތޮޅުތަކުގެ ފެނަކަ ބްރާންޗުތައް މިހާރު ވަނީ ހަތަރު ގިންތިއަކަށް ބަހާލާފައެވެ. އެންމެ މަތީ ގިންތިއަކީ ސިޓީތަކުގެ ބްރާންޗުތަކެވެ. އެއަށްފަހު 1000 އަށް ވުރެ ގިނަ ކަސްޓަމަރުން ތިބޭ ބްރާންޗުތަކާއި، 500 އާއި 1000 އާ ދެމެދު ކަސްޓަމަރުން ތިބޭ ބްރާންޗުތަކުގެ އިތުރުން 300 އާއި 500 އާ ދެމެދު ކަސްޓަމަރުން ތިބޭ ބްރާންޗުތައް ވަނީ ގިންތިކޮށްފައެވެ. އެންމެ ކުޑަ ބްރާންޗުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 300 އަށް ވުރެ މަދު ކަސްޓަމަރުންނަށް ޚިދުމަތްދޭ ތަންތަނެވެ. އަފީފް އިތުރަށް ވިދާޅުވި ގޮތުގައި، މި ގިންތިތަކަށް ބަލައި މުވައްޒަފުން ތިބެންޖެހޭ އަދަދުތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ފެނަކައިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ