އެފްޑީސީ ފްލެޓެއް ކުއްޔަށް ދީގެ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި 6 ފަރާތަކަށް އިންޒާރު ދީފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތައް ކުއްޔަށް ދިނުމަކީ އެތަންތަނުގެ ވެރިންނާއެކު ވެފައިވާ އެއްބަސްވުމާއިވެސް ޚިލާފު ކަމެކެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތައް ކުއްޔައް ދިނުމަކީ އެކުންފުންޏާއި ފްލެޓުތައް ދޫކޮށްފައިވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފު ކަމެކެވެ. މިއީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ހެޔޮ އަގުގައި ދޫކޮށްފައިވާ ފްލެޓްތަކެއް ކަމުން ރައީސުލްޖުމްހޫރިއްޔާގެ ސްޓޭންޑަކީ މި ފްލެޓްތައް ކުއްޔަށް ނުދިނުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދަނާ ޝަކީލް ވިދާޅުވިއެވެ. އަދި މިކަން އެއްބަސްވުމުގައިވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފްލެޓުތައް ކުއްޔަށް ދިނުމުގެ މައްސަލަ ފެންމަތިވާ ކަމަށް އެކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓް ކުއްޔަށްދީގެން މިހާތަނަށް އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ހަމްދާން ވިދާޅުވީ ފްލެޓުތަކުގައި ކުރުން މަނާކަންކަން ގިންތި ކުރެވިފައިވާއިރު ބިދޭސީން ދިރިއުޅެން ފްލެޓްތައް ދިނުމަކީ އެންމެ މަތީ ދަރަޖައިގަ އެއްބަސްވުމާއި ޚިލާފުވުން ކަމަށެވެ. އެހެންކަމުން އެފަރާތް 50،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ މިފަދަ މައްސަލަތައް އެކުންފުނިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން އެފްޑީސީ ފްލެޓްތައް ކުއްޔަށް ދިނުމަށް އެކި މަންސަތަކުގައި ޖަހާފައި ހުންނަކަމަށް ރިޕޯޓްކުރުމުން ނުވަތަ އެކަން އެކުންފުންޏަށް ފާހަގަކުރެއްވިއްޖެނަމަ އެތަނެއް ކުއްޔަށް ނަގާ ފަރާތުގެ ނަމުގައި އެތަނަކަށް އެކުންފުނީގެ ޓީމެއް ގޮސް ކުއްޔަށްދޭކަން ކަށަވަރުކުރުމަށް ފަހު އެއީ ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޓީމެއްކަން އަންގައި އެގޮތަށް ޢަމަލު ނުކުރުމަށް އަންގާ ކަމަށެވެ.
މިފަދަ މައްސަލަތަކުގައި އިންޒާރު ދިނުމަށް ފަހު 10 ދުވަހުގެ މުއްދަތެއް ރަނގަޅު ކުރުމަށް ދޭކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި އެކަން ރަނގަޅު ނުކުރާނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ މިހާތަނަށް މިފަދަ 6 މައްސަލައެއްގައި އިންޒާރު ދީފައިވާ ކަމަށެވެ. އަދި މިހާރުވެސް ކުއްޔަށް ދިނުމަށް ޖަހާފައި ހުރުމުގެ މަސައްލައެއް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން އިޖްތިމާޢީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދިނުމަކީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަޤްޞަދަށް ހުރަސް އެޅޭ ކަމެއް ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ