ހައްޖަކީ ދުނިޔަވީ ހަޔާތުގެ ކުޑަ ދަތުރެއް, އާހިރަތުގެ ދާއިމީ އުފާ ހޯދަން މަސައްކަތް ކުރަން ޖެހޭ: ޚުތުބާ
ހައްޖަކީ އިންސާނާގެ ދުނިޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަން ދަނެ، އާހިރަތުގެ ދާއިމީ އުފާވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުޠުބާގައި، ހައްޖުގެ މަތިވެރި އަޅުކަމުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައިފިއެވެ. އެގޮތުން ދުނިޔޭގެ ވަގުތީ އުފާތަކަށް ހެއްލި ނުދިއުމަށް އިންޒާރުކޮށް، ތަގުވާވެރިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ހުޠުބާގައި ބުނެފައިވާ ގޮތުގައި، ހައްޖުވެރިޔާ އިހުރާމް ބަންނަ ހިނދުން ފެށިގެން ހައްޖުގެ މަނާސިކުތައް ނިމެންދެން ކުރިއަށްދާ ގޮތަކީ، އިންސާނާ އޭނާގެ ހަޔާތުގައި ދުނިޔަވީ ދުވަސްތައް ވޭތިކުރަމުންދާ ގޮތުގެ މިސާލެކެވެ. "ހައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝައީރާތަކުން ކަށަވަރުވެ އެނގޭ އެއް ހަގީގަތަކީ ހައްޖަކީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަން," ޚުތުބާގައި ބުންޏެވެ. މީގެ އިތުރުން، އިހުރާމް ބަނުމާއެކު ކުރިން ހުއްދަ ކަންތައްތަކެއް ހަރާމްވެގެން ދިއުމަކީ، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށާއި ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށް ލިބޭ ވަރަށް ފުރިހަމަ އަމަލީ ތަމްރީނެއްކަން ވަނީ ފާހަގަކޮށްފައެވެ. ހައްޖުވެރިޔާ މައްކާގައި ޠަވާފުކުރުމަށްފަހު، މިނާއާއި އަރަފާތް އަދި މުޒްދަލިފާއަށް ކުރާ ދަތުރުތަކާއި، އެއް ނުސުކުން އަނެއް ނުސުކަށް ބަދަލުވުމަކީ ދިރިއުޅުމުގައި އެއް ކިޔަމަންތެރިކަމުން އަނެއް ކިޔަމަންތެރިކަމަށް ބަދަލުވުން ހަނދާންކޮށްދޭ ކަމެއް ކަމަށްވެސް ޚުތުބާގައި ބުންޏެވެ. ހައްޖަކީ ޖާނާއި މުދާ ހޭދަކޮށްގެން ކުރާ ބުރަ އަޅުކަމެއްކަން ފާހަގަކުރަމުން، އެ އަޅުކަމުގެ ތެރޭގައި ކެތްތެރިވެ، ރުޅިވެރިކަމާއި އަރާރުންވުމުން ދުރުހެލިވުމަށް ހުޠުބާގައި ގޮވާލާފައިވެއެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅަކާ ހަވާލާދީ ހުޠުބާގައި ބުނެފައިވަނީ، ހައްޖުވުމުގެ ތެރޭގައި ޖިމާއުވުމެއް އަދި އުރެދުމެއް ނެތި ހައްޖުވެއްޖެ މީހާ، މައިމީހާގެ ބަނޑުން އޭނާ އުފަންވީ ދުވަހެކޭ އެއްފަދައިން ފާފަތަކުން ޠާހިރުވެގެން އެނބުރި އަންނާނެ ކަމަށެވެ. އަދި ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ ފަރާތްތަކުންވެސް، ހައްޖުވެރިން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ، ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ގުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި ހީވާގިކަމާއެކު ވާޖިބުތައް އަދާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މަބްރޫރު ހައްޖެއްގެ ޖަޒާއަކީ ސުވަރުގެކަން ހަނދާންކޮށްދެމުން، ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ފާފަތަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައެޅުމުގެ މުހިންމުކަން ވަނީ އަންގަވާފައެވެ. ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އަޟްހާ އީދުގެ އުފާވެރި މުނާސަބަތަށް އިޝާރާތްކޮށް، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމަށް ހުޠުބާގައި ވަނީ ބާރުއަޅާފައެވެ. އީދު ފާހަގަކުރާއިރު މުސްލިމް އަހުންނާއި އުހުތުންގެ މެދުގައި އެކުވެރިކަމާއި ލޯބީގެ ޝުއޫރުތައް ފާޅުކުރުމަށް ގޮވާލަމުން ހުޠުބާގައި ބުނެފައިވަނީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަން ދޫކޮށް އެއްބަނޑު އެއްބަފާ އަހުންތަކެއްކަމުގައި ވުމަށެވެ. އަދި އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުސޫލުތަކާއި ޝަރުއީ ހަމަތަކަށް ރިއާޔަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ހުޠުބާ ނިންމާލަމުން މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ ހައްޖަށްފަހު އިންސާނާގެ ދިރިއުޅުމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. އެގޮތުން، ދިރިއުޅުމަށް މަސައްކަތްކުރުމާއެކު، ރަހިމުގެ ގުޅުން ދެމެހެއްޓުމަށާއި، މުޖުތަމައުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއެރުވުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް ވަނީ ގޮވާލާފައެވެ. މިއާއެކު، ހައްޖުގެ އަޅުކަމުން ލިބުނު ތަމްރީނުގެ އަލީގައި، ކުރިއަށް އޮތް ތަނުގައިވެސް ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. އީދު ދުވަހަކީ ޖެހިގެން އަންނަ ބުދަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ