އެމްއެންޑީއެފްއިން މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ
މިއަހަރުގެ ބޮޑު އީދު ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ކުލަގަދަކޮށް ބޭއްވުމަށް އެމްއެންޑީއެފް އިން ނިންމައިފިއެވެ. 'އީދު ހަވީރު 1447'ގެ ނަމުގައި އެމްއެންޑީއެފްއިން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މާލޭގައި ބާއްވާ ހަރަކާތްތައް: މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނީ މި މަހު 27 އިން 29 އަށް، ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. އެ ސަރަހައްދުތަކުގައި ވޯޓާ ފައުންޓެއިން، ފޯމް ބާތު ޕޫލް، އަދި ރެޕަލިންގްކުރުން ފަދަ ހަރަކާތްތައް އޮންނާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާއެކު ފޮޓޯނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި އީދުގެ ތިންވަނަ ދުވަހު އެމްއެންޑީއެފްގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ ޚާއްސަ ހުށަހެޅުންތަކެއް ވެސް މާލޭގައި އޮންނާނެ ކަމަށް ވަނީ ބުނެފައެވެ. ހުޅުމާލެ އަދި ވިލިމާލޭގެ އިންތިޒާމްތައް:ހުޅުމާލޭގައި އެ ހަރަކާތްތައް ކުރިއަށްދާނީ ސެންޓްރަލް ޕާކާއި ފޭސް-2 ގެ ހިޔާ ޕާކުގައެވެ. ސެންޓްރަލް ޕާކުގައި ވޯޓާ ސްލައިޑިން އާއި ފޯމް ބާތު ޕޫލް ފަދަ ކުޅިވަރުތައް އޮންނައިރު، ހިޔާ ޕާކުގައި ފަޔާ އިކުއިޕްމަންޓްސް ދައްކާލުމާއި ޓޭބަލް ލެޑާއަށް އެރުން ފަދަ ހަރަކާތްތައް ކުރިއަށްދާނެ ކަަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. ވިލިމާލޭގައި އެ ހަރަކާތްތައް 27 އިން 30 އަށް، ހަތަރު ދުވަހުގެ މުއްދަތަށް ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާނެ ކަމަށާއި އެތަނުގައި ރެޕަލިން ކުރުމާއި އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ. ޢީދު ހަވީރުގެ ހުރިހާ ހަރަކާތްތަކެއް ވެސް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެ ހަރަކާތުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްއީ، ވެމްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ. އެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުން ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މިދިޔަ އަހަރު ވެސް ކުލަގަދަ ކޮށް އީދު ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ