ނޫސްވެރިކަންކޮށްގެން ޖަލަށްދާން އަދިވެސް މި ހުރީ ތައްޔާރަަށް ކަމަށާއި ވަރުބަލިވާނީ ދައުލަތްކަމަށް 15 ދުވަހުގެ ޖަލުގެ ހުކުމެއް ތަންފީޒުކޮށް މިއަދު މިނިވަންވި 'އަދަދު'ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މި މަހު 11ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނާ ކުރި ސުވާލެއްގެ މައްސަލައިގައި ޝަހުޒާން 15 ދުވަހަށް ޖަލަށް ހުކުމްކޮށްފައި ވަނީ ޖެހިގެން އައި ދުވަހު މި މަހު 12ގަ އެވެ.
ޝަހުޒާން ޖަލަށް ހުކުމްކޮށްފައި ވަނީ ރައީސްގެ މައްޗަށް ގަޒުފް ކުރި ކަމަށް ފުލުހުން ތުހުމަތު ކުރާ މައްސަލައިގައި ކޯޓުން ނެރެފައި އޮތް 'އަނގަ ބަންދު ކުރުމުގެ އަމުރު' ނުވަތަ ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައިގެންނެވެ.
ތަފްސީލު - ޝަހުޒާން މިނިވަންވުމާއެކު ހުޅުމާލެ ޖަލު ބޭރުގައި ހުރެ ދިން އިންޓަވިއުގައި އޭނާ ފުރަތަމަ ވެސް ބުނީ ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒަކީ "ސީދާ ހުދުމުހްތާރު ވެރިއެއް" ކަމަށެވެ. އަދި އޭނާ ހިމެނޭހެން 'އަދަދު'ގެ ދެ ނޫސްވެރިން ޖަލަށްލީ ނޫސްވެރިކަމުގައި ތަޅު އެޅުވޭނެ ކަމަށް ހީކޮށް ކަމަށް ޝަހުޒާން ބުންޏެވެ.
"އަޅުގަނޑު އޭރުވެސް ދެންނެވިން ނޫސްވެރިކަމުގައި ތަޅެއް ނޭޅުވޭނެ ކަމަށް. އަޅުގަނޑު އަތުގައި އެބަހުރި އޭގެ ހެކި. އަޅުގަނޑު މިދިޔަ 15 ދުވަހު ކުރި ކަމަކީ، ނޫސްވެރިކަން. ޖަލުގައި ހުރި ހުރިހާ ޝަކުވާއެއް އަޅުގަނޑު ފޮތުގައި ހުންނާނެ،" އެ ވާހަކަތައް ރިޕޯޓު ކުރާނެ ކަމުގެ ޔަގީންކަން ދެމުން ޝަހްޒާން ބުންޏެވެ.
ޝަހުޒާން އަދި އެނާއެކު ޖަަލަށް ހުކުމް ކުރި 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ފުރަތަމަ ތިބީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ފަހުން އެ ދެމީހުން ވަކިކޮށް، ލީވާން އެކަހެރިގޮޅިއަކަށް ބަދަލު ކުރި އެވެ. ޝަހްޒާން ބުނި ގޮތުގައި އެކަން ކުރީ ސީދާ ރައީސްގެ އޯޑަރަށެވެ.
"އެއަށްފަހު، ކޮންމެ ރެއަކުހެން ޖަލު އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި މަރުތެލާއި ފުށްކަށި ހިފައިގެން އަޅުގަނޑުގެ ގޮޅިއަށް ކޮންމެ ރެއަކުހެން ވަދެ ނިދަން އޮންނަ އައްޓާއި ފާރުގެ އެކި ތަންތަން ތަޅާ ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން އަޅުގަނޑަށް ބިރު ދައްކަން، ސައިޒުކުރަން،" ޝަހުޒާން ބުންޏެވެ.
"ނަމަވެސް އަޅުގަނޑު ރައީސް މުއިއްޒަށް ދަންވާލަން ބޭނުންވަނީ، އަޅުގަނޑުމެން ނޫސްވެރިކަމުގެ ކަމަރު ބަދެގެން މިތިބީ ވަރަށް ކެރިގެންނޭ. އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. ތިޔަހެން ޖައްސަވާ ވައި ބޮޑިއަކުން އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭން. ތިޔަ ދުއްވާލެވުނީ އަދި ތެޔޮ ހަމެއް."
އެއާއެކު ޝަހުޒާން ރައިސްއަށް ޗެލެންޖެއް ވެސް ދިނެވެ. އެއީ ކޯޓުން ނެރެފައި އޮތް ގެގް އޯޑަރު ބާތިލުކުރުމަށްފަހު، އޭނާއާއެކު ލައިވް އިންޓަވިއުއަކަށް ވަޑައިގަތުމަށެވެ.
"އަޅުގަނޑު އެމަނިކުފާނާ ކުރަން އޮތީ އެންމެ ސުވާލެއް ނޫން. ވަރަށް ބައިވަރު ސުވާލު އެބަހުރި. އަޅުގަނޑު މިހުރީ ނޫސްވެރިކަންކޮށްގެން އަދިވެސް ގޮޅިއަށް ދާން ތައްޔާރަށް. 15 ދުވަހެއް ނޫން، 15 އަހަރު ނޫސްވެރިކަންކޮށްގެން ޖަލުގައި ބޭއްވިޔަސް ވަރުބަލިވާނީ ދައުލަތް،" ޝަހުޒާން ބުންޏެވެ.
"އަޅުގަނޑުމެން ނުކުމެ މިތިބީ ކުރިއަށްވުރެ މާ ގަދަކޮށް. ދެން އަޅުގަނޑުމެންގެ ގައިގައި ތަޅާފިއްޔާ ފޮޅުލާނީ ރައީސް މުއިއްޒުގެ އަތްޕުޅުގައި."
ޝަހުޒާން އިތުރަށް ފާހަގަކުރެވި ގޮތުގައި ޖަލު އޮތީ ފުރި ބާރުވެފައި ކަމަށާއި އެމީހުންނާ މެދު އަމަލު ކުރަނީ ދެ ވަނަ ދަރަޖައިގެ އިންސާުނުންގެ ގޮތުގަ އެވެ. އެގޮތުން އޭނާ ބުނީ:
ގައިދީންނަށް ގެންނަނީ އިންސާނުން ކާން ހެޔޮވާރު އެއްޗިއްސެއް ނޫން
ގައިދީންނަށް ބޭނުންވާ އަސާސީ ތަކެތި ގަންނާކަށްވެސް ނުލިބޭ
ކްލެމެންސީއާއި ޕްރޯލްއަށް ޝަރުތުހަމަވާ އެތައް ގައިދީން ތިބިއިރު، އެމީހުންގެ ހުށަހެޅުންތައް ރައީސް އޮފީހުގައި އޮތީ ފުނި ޖެހިފައި
ކުށުގެ ވެށިން ނުކުމެވޭނެ ފަދަ މާހައުލެއް ޖަލުގައި ނެތް
ނޫސްވެރިކަންކޮށްގެން އަދިވެސް ޖަލަށް ދާން މިިހުރީ ތައްޔާރަށް؛ ވަރުބަލިވާނީ ދައުލަތް: ޝަހުޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ