"އެމްއެންޑީއެފްގެ ޕްލޭންގެ ސަބަބުން ބޭރުގެ ޓީމަށް ޑައިވަރުން ހޯދަން ފަސޭހަވި"

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން ބޭރުގެ ޑައިވަރުންގެ ޓީމުގެ މަސައްކަތް އަވަސްވެގެންދިޔަކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުނު މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އެކިއެކި ހާދިސާތަކުގައި އެމްއެންޑީއެފްއިން މަސައްކަތްކުރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މިދިޔަ ހަފްތާގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށްގެންދާ އޮޕަރޭޝަނަށް އަލިއަޅުއްވާލައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާކަމަށާއި، އެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު ހަރުދަނާގޮތެއްގައިކަމަށެވެ.
އޮޕަރޭޝަންގެ ތަފްސީލްތައް ދެއްވަމުން ކޯސްޓްގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ އާންމުކޮށް ޑައިވްކުރާ މީހުންނާ ޚިލާފަށް އެމްއެންޑީއެފްގެ ޑައިވަރުންކަމަށެވެ. އަދި ޤައުމަށް ދިމާވާ ކޮންމެ ފަދަ ހާލަތަކަށްވެސް އެމްއެންޑީއެފްއިން އަބަދުވެސް ތިބޭނީ ތައްޔާރަށްކަމަށާއި، މި އޮޕަރޭޝަންގެ މަސައްކަތްވެސް ކުރިއަށްދިޔައީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެންކަމަށް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.
" އޮޕަރޭޝަންތަކުގައި ޑައިވަރުން އަޑިއަށް ފައިބަނީ ވަކި ޕްލޭންތަކަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން. އެއްވެސް ކަމެއް ކުރަން މަޖުބޫރުވާ ގޮތަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ނޫން. ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން، މި މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދަނީ. މިކަމަށް ވާންޖެހޭ ތައްޔާރީތައް ވެގެން ކުރިއަށްދިޔައީ. މިއަށްވުރެ ފުންމިނުގައިވެސް ވާނީ ޑައިވްކޮށްފައި." ސަލީމް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވައިފިއެވެ.
އެކަން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ޒިޔާރަތްކުރެއްވީ ބޭނުންވާ އެހީތެރިކަމަކީ ކޮބައިތޯ ބައްލަވައި، އެމްއެންޑީއެފްގެ ޑައިވަރުންނަށް ހިތްވަރު ދެއްވުމަށްކަމަށެވެ.
"ރައިސުލްޖުމްހޫރިއްޔާވެސް އެ ސަރަހައްދަށް ވަޑައިގެންނެވި. އެމަނިކިފާނު އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައި، އަދި އަޅުގަނޑުމެން ސިފައިންނަށް އެ ބޭނުންވާ ހިތްވަރު ދެއްވާ އަދި އަޅުގަނޑުމެންނަށް ބޭނުންވަނީ ކޮންކޮން އެހީތެރިކަމެއްތޯ ބެއްލެވުމަށްޓަކައި" ޙިލްމީ ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ޑައިވަރުން އަޑިއަށް ފައިބަނީ ވަކި ޕްލޭންތަކަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަމަށާއި، އެއްވެސް ކަމެއް ކުރަން ޑައިވަރުންނަށް މަޖުބޫރު ނުކުރާކަމަށެވެ. އަދި މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. މީގެއިތުރުން އެކި ޤައުމުތަކުން ފޯރުކޮށްދީފައިވާ ތަކެތިވެސް މި އޮޕަރޭޝަންގައި ބޭނުންކުރަމުންދާކަންވެސް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ