ޕީއެންސީ މެންބަރަކު ހޮވައިގެން ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ޖަވާބުދާރީއެއް ނުކުރެވޭނެ: ސޯބެ

ސަރުކާރު މައި ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މެންބަރަކު މަޖިލީހަށް ހޮވައިގެން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ހޯދުމަށް ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ޢަބްދުالله ޞާދިޤް (ސޯބެ) މިރޭ ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެންބަރުން ހޮވަނީ، މިނިސްޓަރުންނަށް ސަލާން ޖަހާކަށް ނޫން ކަމަށެވެ. މިގޮތުން، ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ހޯދުމަށް ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އޮތީ ވަރަށް ރަނގަޅު ނިޒާމެއް ކަމަށް ސޯބެ ވިދާޅުވިއެވެ. އެކަން ވާނީ، އޭނާއަށް ވޯޓު ދީގެން ކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ. މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ސޯބެއާއި ރައީސް ނަޝީދާއި ސޯލިހު --- ފޮޓޯ/ އެމްޑީޕީ "ޕީއެންސީއަށް ނިސްބަތްވޭ މީހަކަށް ހޮވަގެން އެކަން ނީވެހޭ. އަމުދުން މީކޯ ކުރިމަތިލާފައި ހިށީ ޕީއެންސީގެ މެންބަރުންގެ ތާއިދަށް ނެތް މީހަށް" ހިތަދޫ ބަހުން ވާހަކަދައްކަވައި ސޯބެ ވިދާޅުވިއެވެ. ކުރިން އައްޑޫގެ މޭޔަރުކަން ވެސް ކުރެއްވި ސޯބެ ތުހުމަތުކުރެއްވި ގޮތުގައި، އެ ދާއިރާއަށް ޕީއެންސީ މެންބަރަކު ހޮވައިފިނަމަ، އޭނާ މަޖިލީހުގައި ކުރައްވަނީ އަމިއްލަ މަންފާއަށް ކުރާ މަސައްކަތެވެ. އެހެންވެ، އޭނާއަށް ވޯޓު ދިނުމަށް ހިތަދޫ ރައްޔިތުންގެ ކިބައިން ސޯބެ ވަނީ އެދިވަޑައިގެންފައެވެ. https://sun.mv/221417 ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ. އެ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާއިރު، ދާއިރާއަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ، ސޯބެއާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ސޯބެއަށް އެމްޑީޕީގެ ޓިކެޓު ލިބުނީ، އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އިތުރު މެންބަރަކު އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވައިފައިނުވާތީއެވެ. އަދި ސަޢީދަށް ޕީއެންސީގެ ޓިކެޓު ލިބުނީ، ސިނާނަށް ޓިކެޓު ލިބިވަޑައިގެންފައި ވަނިކޮށް، އޭނާގެ ނަން ނެންގެވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ