މިއަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރާނަން، އެކަމަށް މަޖިލީހުގެ އަގުލަބިއްޔަތު ވެސް ހޯދާނަން: ނަޝީދު

މިއަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނެސް، ވެރިކަން ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ގަރާރުގައި ފުރަތަމަ ސޮއިކުރައްވާނީ ސޯބެ ކަމަށާއި ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ޕާޓީ ބަދަލުކުރައްވައި ގަރާރުގައި ސޮއިކުރައްވާނެ ކަމަށެވެ.
”މިއަހަރު ނިމުމުގެ ކުރީގައި މި ވެރިކަން ބަދަލުކުރާން ވެއްޖެ. ހާސްވެނުލައްވާ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު، ތަނަވަސް އަގުލަބިއްޔަތު، އިތުބާރު ނެތް ކަމަށް ނެގޭ މިންވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ. ރައީސް ޔާމީން ވެސް އެ ހުންނެވީ ވަރަށް ބޮޑަށް މިކަން ކުރަން ތައްޔާރަށް،“ އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރާނީ ކުޑަކޮށް، ސަމާސާ ނުވަތަ މަޖަލަކަށް ވެސް ނޫން ކަމަށާއި ރާއްޖޭގެ ރައްޔިތުން ފެންބޮވައިގެންފައި ތިބީ މި ދިވެހިރާއްޖެ ތަރައްގީވުމަށް، ތަނަވަސްކަމަށް ކަމަށެވެ. އަދި ސަރުކާރުގައި އައްޑޫގެ ތަރައްގީގެ ތަސައްވަރެއް، ހިޔާލެއް، ވިސްނުމެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
”އެބޭފުޅުން އަދިވެސް ހީކުރައްވާ އެ ހުންނަވަނީ އަތޮޅުވެރިއެއް އެތަނަށް ލައިގެން، މިތާ ހުންނަވާ މިނިސްޓަރު ގޭ ކައިރީގައި މުގޯލި އެޅީމާއޭ ރާއްޖޭގެ ތަރައްގީ ލިބޭނީ. މިއީ މީގެ 30 އަހަރު ކުރިން އަޅުގަނޑުމެން ދުށް މަންޒަރެއް. އެކަމުން ސަލާމަތްވުމަށްޓަކައި މުޅި ދިވެހިރާއްޖޭގެ ރައްޔިތުން އެއް އަޑުން ނުކުތީ،“ އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުން މެންބަރަކު ވަކިކުރީ ސޯބެ ހޮވުމަށްޓަކައި ކަމަށާއި އެއީ ވެސް އެނގިގެން ކުރި ކަމެއް ކަމަށެވެ. އަދި ދެން ކުރާ ކަންތައްތައް ވެސް ކުރާނީ އެނގިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ