ޖޭއެސްސީއަށް މުއިއްޒު ކަނޑައަޅާފައި ހުންނެވި މެންބަރު ޔަޒްމީދު އިސްތިއުފާ ދީފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 
މިއަދުގެ ވަގުތެއްގައި ޔަޒްމީދު ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ ކޮމިޝަނުން އިސްތިއުފާ ދީފައިވާކަން އެކި މަސްދަރުތަކުން ވަނީ ކަށަވަރު ކުރެވިފަ އެވެ. އޭނާ އިސްތިއުފާ ދިނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަށް ސާފުކުރެވިފައެއް ނުވެ އެވެ. 
ޔަޒްމީދުގެ މައްޗަށް ފަނޑިޔާރުން ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެއް ކުރެވެ އެވެ. އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ގުޅައި، ވަކި ގޮތަކަށް އަމަލުކުރުމަށް ޔަޒްމީދު އެދިފައިވެ އެވެ.
އެގޮތުން، ކ. މާފުށީ ކޯޓުގައި ހިނގި މުއްދަތުގެ މަޖިލީހަކާއި، ފެމިލީ ކޯޓުގައި މި އަހަރު ހިނގި މައްސަލައަކާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ފަނޑިޔާރުންނަށް ގުޅައި "މަތިން އަންގައިގެން" ކަމަށް ބުނެ ވަކި ގޮތަކަށް އަމަލުކުރަން އެދިފައިވާ ކަމަށް އަދަދު ނޫހާ މައުލޫމާތު ހިއްސާކުރި މަސްދަރުތަކުން މީގެ ކުރިން މައުލޫމާތު ދީފަ އެވެ.
ސަރުކާރަށް ފާޑުކިޔައި ޔަޒްމީދު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ވެސް މީގެ ކުރިން ލީކުވި އެވެ. އޭނާއަކީ 
ޔަޒްމީދު މުހައްމަދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރީ ފެބްރުއަރީ 23، 2025، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރުމަށްފަހު އެވެ.
ފަނޑިޔާރުގޭގެ ކަންކަން މަތިކޮށްފައިވާ ޖޭއެސްސީގެ ނައިބު ރައީސްކަން ޔަޒްމީދުއަށް ލިބުނީ ނައިބު ރައީސްކަމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.
ޔަޒްމީދު އެ ކޮމިޝަނަށް އައްޔަނުކުރީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ. 
އެ މައްސަލަ ބަލަދަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް މަގާމުން ވަކިކުރުމަށް ޖޭއެސްސީން ހިންގި ޣައިރު ގާނޫނީ ތަހުގީގު ކޮމިޓީގައި ވެސް ޔަޒްމީދު އިސް ދައުރެއް އަދާކުރެއްވި އެވެ. 
ޔަޒްމީދަކީ އެކައުންޓަންޓެކެވެ. އޭނާއަކީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުގެ ގޮތުގައި އުފަން ރަށް ކަމަށްވާ ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ