ކުރިއަށް އޮތް ފަސް ދުވަހު ވެސް އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 21 އަދި 22 ވަނަ ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެއެވެ. އަދި މި ދެ ދުވަހު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށާއި ޚާއްސަކޮށް އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު، މި ސަރަހައްދުތަކުގައި އާންމުކޮށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ އެވްރެޖްކޮށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މާދަމާ ވައި ގަދަވި ނަމަވެސް، އެ ސަރަހައްދަށް މާ ބޮޑަށް ވިއްސާރަ ކުރާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް، ދެކުނުގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. މީގެ އިތުރުން، މި މަހުގެ 23، 24 އަދި 25 ވަނަ ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އުޅޭނީ އާދައިގެ ވަރަކަށް ގަދަކޮށް ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައިއެވެ. "މި ދިން އެ ސަރަހައްދުތަކަށް ކަނޑު ގަދަވާނެ. އެހެން ނަމަވެސް ވަރަށް ގަދައެއް ނޫން، އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެނީ. ދެން ކެރީގެ އަަަސަރުވެސް ފޯރާނެ ކަމަށް ބެލެވެނީ،" މެޓް އޮފީހުން ބުންޏެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްއިރު ކުރިއަށް ދެން އޮތީ ބޮޑު އީދު ބަންދެވެ. މިމަހުގެ 23 އިން ފެށިގެން 30 ގެ ނިޔަލަށް ބޮޑު ޗުއްޓީއެއް ލިބޭއިރު މި ހަފުތާގައި މީހުން އީދަށް ރަށްރަށަށް ފުރަން ފަށާނެއެވެ. އެހެންކަމުން މިދުވަސްވަރު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ