ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ބީއެމްއެލްއިން ލުޔެއް ދޭނީ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭން ނިންމއިފި އެވެ.
ބޭންކަށް ލިބޭ ޑޮލަރަށްވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވެފައި ވާތީ، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމުގައި ބީއެމްއެލް އިން ވަނީ އިންތަކެއް ކަނޑައަޅާފައެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އެ ބަދަލު ފޯރުކޮށްދެވޭނެ ކަމަށް ބޭންކުން ފާހަގަކުރައްވައެވެ.
މީގެ އިތުރުން، ކަސްޓަމަރުންނަށް އެކި ބޭނުންތަކަށް ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުން މަސައްކަތްކުރައްވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ. ބީއެމްއެލްއިން ވަނީ މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަން ހާމަކުރައްވާފައެވެ.
ރާއްޖޭގެ އެހެނިހެން ބޭންކުތަކާ އަޅާކިޔާނަމަ، ދިވެހި ރުފިޔާކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް މިހާރު ވެސް ދެމުންދަނީ ބީއެމްއެލް އިންނެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާ ނަމަ، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ހަމައެހެންމެ، އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް އެ ބޭންކުން ވަނީދީފަ އެވެ. އަދި ބޭސްފަރުވާ ނުވަތަ ތައުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ބޮޑުތަނުން ވަނީ އުފުލިފައެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކަށެވެ. އަދި ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައި ވާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާނަމަ 47 އިންސައްތައިގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ