ހަންގޭރީގެ އިސްތަވާން އުރްބާނީ ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރުވެފައި އޮތީ ގައުމީ ފުޓްބޯޅަ ޓީމުގައި އާދަޔާހިލާފު މަސައްކަތްތަކެއް ކުރިން ކުރި ކުޅަދާނަ ކޯޗެއްގެ ގޮތުގަ އެވެ. ތޭރަ އަހަރު ފަހުން، އޭނާ ވަނީ ދާދި ފަހުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ތިން ވަނަ ފަހަރަށް ހަވާލުވެފަ އެވެ.
އެ ގޮތުން، އުރްބާނީ، އެންމެ ފުރަތަމަ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރީ 2009 އާއި 2010 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް ރާއްޖޭގެ ކޯޗަކަށް މަސައްކަތްކުރީ 2011 އިން 2013 ގެ ނިޔަލަށެވެ.
ކުރިން ދެ ފަހަރު ވެސް ރާއްޖޭގެ އެތައް ބައެއްގެ އިހުތިރާމް ހޯދި، އުރްބާނީ ތިން ވަނަ ފަހަރަށް ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވެ މަސައްކަތް ކުރަމުން އެބަދެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ހުރިހާ ގައުމަކަށް ވެސް މުހިންމުވާ ފީފާ ވޯލްޑް ކަޕް މި ފަހަރު އޮތީ ޖޫން/ޖުލައި ގައި އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގަ އެވެ. މި މުބާރާތުގެ މައި ހޯސްޓަކީ އެމެރިކާ އެވެ.
އެމެރިކާގައި ވޯލްޑް ކަޕެއް ހޯސްޓް މި ކުރަނީ 32 އަހަރު ފަހުންނެވެ. އެންމެ ފަހުން، 1994 ވަނަ އަހަރު އެމެރިކާގައި ވޯލްޑް ކަޕެއް ހޯސްޓްކުރިއިރު، އޭގެ ތިން އަހަރު ފަހުން، 1997 ވަނަ އަހަރު އުރްބާނީ ވަނީ ކުުޅުމުގެ ކެރިއަރުގައި އެމެރިކާގެ ސަން ޖޯސޭ ކްލޭޝް އަށް ކުޅެފަ އެވެ. މިއީ، މިފަހަރުގެ ވޯލްޑް ކަޕް އެމެރިކާގައި ބޭއްވުން އުރްބާނީ އަށް ހާއްސަވާ ސަބަބު "އަދަދު ސްޕޯޓްސް" އަށް ކިޔައިދޭން ފެށި ހިސާބެވެ
އުރްބާނީ ބުނީ މި ފަަހަރުގެ ވޯލްޑް ކަޕް، އެމެރިކާގައި ބޭއްވުން އޭނާ އަށް ހާއްސަވާ އެއް ސަބަބަކީ، 2013 އިން ފެށިގެން ސްޕޯޓިން ކަންސަސް ސިޓީގައި ފުޓްބޯޅައިގެ މަސައްކަތް ކުރަމުން އައުމާއި 1997 ވަނަ އަހަރު އެމެރިކާ ފުޓްބޯޅައިގެ ތާރީހީ ތަޖުރިބާއެއް ކުރެވިފައިވުމެވެ
“އެ ފަހަރު އެމެރިކާ ލީގަށް ކުޅެން އަހަރެން ދިއުމަކީ ތާރީހީ ކަމެއް. އަހަންނަކީ އެމެރިކާ ރަސްމީ ލީގުގައި ކުޅުނު ހަންގޭރީގެ ފުރަތަމަ ކުޅުންތެރިޔާ. އެ ދުވަސްވަރު ހަންގޭރީގެ ނޫސްތަކުގައި ޖޯކެއް ގޮތަށް ވެސް ލިޔެވިފައި ހުރި އުރްބާނީ ފުޓްބޯޅަ ކުޅެން އެ ދިޔައީ މައިކަލް ޖޯޑަން ބާސްކެޓްބޯޅަ ކުޅޭ ގައުމެއްގައޭ. އަހަރެން އޭރު ވެސް ބުނިން، ތިއީ ތެދެކޭ، އެކަަމަކު، އަހަރެން ތިކަން ނަގަނީ ކޮމްޕްލިމެންޓެއްގެ ގޮތުގައޭ،" އުރްބާނީ ބުންޏެވެ
އުރްބާނީ ބުނީ، އޭރު ޔޫރަޕްގެ ގިނަ ބަޔެއްގެ މެދުގައި އެމެރިކާގެ ފުޓްބޯޅައާ މެދު އޮތީ ނުރަނގަޅު ވިސްނުންތަކެއް ކަމަށެވެ. އެކަމަކު، އެމެރިކާގެ ފުޓްބޯޅަ ސިސްޓަމްގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން އޭނާ އަށް ފެނުނީ ތަފާތު ކަންތައްތަކެއް ކަމަށާއި ކުރެވުނު ތަޖުރިބާ ވެސް ތަފާތު ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ
“މިހާރު ޔަގީނުން ވެސް ފުޓްބޯޅަ އަށް ޕެޝަން ފެނޭ. އިންވެސްޓްމަންޓްތައް އެ ހުރީ ފެންނަން، އިންފްރާސްޓްރަކްޗާތައް އެ ފެންނަނީ. އެކަޑަމީތައް ވެސް އެ ހިނގަނީ، ކަންކަން ތަރައްގީ ވަމުން އެ އަންނަނީ ވަރަށް ހަލުވި ދުވެލީގައި. އެހެން ތަންތަނުގައި ހުރެ ހަގީގަތުގައި މިހާރު އަންދާޒާއެއް ނުކުރެވޭނެ. އެމެރިކާގައި މިހާރު ފުޓްބޯޅަ އަށް އޮތް ފޯރި،" އުރްބާނީ ބުންޏެވެ.
އެކި ގޮތްގޮތުން، 10 އަކަށް ވުރެން ގިނަ އަހަރުތަކެއް ވަންދެން އެމެރިކާ ފުޓްބޯޅައިގެ ތެރޭގައި، މަސައްކަތް ކޮށްފައިވާ އުރްބާނީ ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި، ގިނަ ބަޔަކަށް އެމެރިކާ ފުޓްބޯޅައިގެ ތެރޭގައި ހުރި ކަންކަމާ މެދު ލޯ ހުޅުވައިގެން ފުންކޮށް ވިސްނަން ފުރުސަތު ލިބޭނެ ކަމަށެވެ.
އުރްބާނީ ބުނީ، މި ވޯލްޑް ކަޕުން އެމެރިކާގެ ފުޓްބޯޅަ ތަރައްގީ ކުރަން އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި، އެމެރިކާ އިސްވެ، ކެނަޑާ އާއި މެކްސިކޯއާ ގުޅިގެން މި ވޯލްޑް ކަޕް ހޯސްޓްކުރުމަކީ ވެސް މި މުބާރާތުގެ ހާއްސަކަން އިތުރުވެގެންދާނެ ކަމެއް ކަމަށް އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ
“ޔަގީންކަަމެއް، މި ވޯލްޑް ކަޕް ވެގެންދާނެ ފުޓްބޯޅައިގެ އެންމެ ބޮޑު އުފާފާޅުކުރުންތަކަށް ދުނިޔޭގެ މީގެ ކުރިން ދެކެފައިނުވާފަދަ ކަމަކަށް، ތަފާތު ތިން ގައުމެއް، ތަފާތު ތިން ފުޓްބޯޅައިގެ ސަގާފަތެއް، ތަފާތު ތިން މާހައުލެއް، އެކަމަކު، އެއް ކުޅިވަރެއް، އެންމެ ބޮޑު މުބާރާތްކަން ޔަގީންވާނެ،" އުރްބާނީ ބުންޏެވެ.
ފީފާ އިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ އަދަދު 48 އަށް އިތުރު ކުރަން ނިންމި ނިންމުމަށް އުރްބާނީ ވަނީ މަރުހަބާ ކިޔައިފަ އެވެ. އެ ގޮތުން، އުރްބާނީ ބުނީ މި ބަދަލަކީ ހަގީގަތުގައި ކުދި ގައުމުތަކަށް ފަހިވި ބޮޑު ފުރުސަތެއް ކަމަށެވެ
“ކޮލިފިކޭޝަން މިހާރު މި އޮތީ ވަރަށް ރިއަލިސްޓިކް ގޮތަށް . އެއާ އެކު މި ކަމަށް ގައުމުތަކުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ، ގައުމުތަކުގެ އިންވެސްޓްމަންޓް ރަނގަޅަށް ފެނިގެންދާނެ، މުޅި ދުނިޔެ ވަށައިގެން އެކި ގައުމުތަކުން ދުރުރާސްތާ ވިސްނުންތަކާ އެކީގައި ފުޓްބޯޅައިގައި ޝާމިލުވެ އުޅޭގޮތް ބަަދަލުވާނެ، އެހެންވެ، މި ފަހަރުގެ ވޯލްޑް ކަޕަށް ވެސް ސަޕޯޓަރުންގެ ފޯރި އިތުރުވާނެ،' އުރްބާނީ ބުންޏެވެ
ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އީދެވެ. މި އުފާފާޅުކުރުމުގައި މި ފަހަރު އަމަލީ ގޮތުން 48 ގައުމަށް މުބާރާތް ކުޅޭ ގައުމުތަކުގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ހަމައެ ގޮތަށް، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންގެ ހައިސިއްޔަތުން، ކޮންމެ ފުޓްބޯޅަ ސަޕޯޓަރަކަށް ވެސް ހަތަރު އަަހަރުން އެއް އަހަރު އަންނަ މި ބޮޑު އީދުގައި ބައިވެރިވުން ބޮޑުކުރެވޭނެ އެވެ
ރާއްޖޭގެ ގައުމީ ކޯޗު އުރްބާނީގެ ދުލުން: މި ވޯލްޑް ކަޕް ވަރަށް ހާއްސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ