މާދަމާ އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 'ބޮޑު ބަދަލަށް' ތާއީދުކުރައްވާ އެކުގައި ހުންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ހެލޯ އަންނި' ނަމުގައި ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވަނީ، ނަޝީދުގެ ކެމްޕޭން ބައްދަލުވުމެއްގައި މިދިޔަ އެމްޑީޕީ ސަރުކާރުގައި ސޯލިހަށް ވަރަށް ވަފާތެރި މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކައަކަށް، ސޯލިހު ދެއްވި ރައްދެއްގެ ރެކޯޑިންއެއް ދައްކައި އެ ވާހަކަތަކާ ގުޅޭ ގޮތުން ދެކޭ ގޮތަކީ ކޮބައިތޯ ނަޝީދާ ސުވާލުކޮށްފަ އެވެ.
ބުނީ ކީކޭ؟ - އަމީރުގެ ރަށް ގދ. ގައްދޫގައި ބޭއްވި މި ކެމްޕޭން ބައްދަލުވުމުގައި އޭނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ނަޝީދު ނުލާ ކުރިއަށްދެވޭނެކަމުގެ "އީގޯ"އާ ހެދި ކަމަށެވެ. އެގޮތަށް ސަރުކާރުގައި ތިއްބެވި ބޭފުޅުން ނިންމެވީ، ނަޝީދާ އެކު ޑީލަކަށް އެއްބަސްވެވިފައި އޮއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ރައްދުގައި ސޯލިހު ވިދާޅުވެފައިވަނީ:
އޭރު ހުށަހެޅި އެ ޑީލަކީ، 2023ގެ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ދާން އަނެއްކާވެސް އިއުލާންކޮށް، ވެރިކަމުގެ ހުވާކުރުމުގެ ކުރިން އެކަމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން
ހަމަ އެއާ އެކު، ސަރުކާރުގެ ތިން ވަޒީރަކު ވަކިކުރަން ވެސް އިތުރު ހުށަހެޅުންތަކެއް ލިބުނު ކަމަށާއި އެ ލިސްޓުގައި އޮތް އެއް ވަޒީރަކީ އަމީރު
އެކަމަށް އެއްބަސްނުވެވުނީ، ބަރުލަމާނީ ވޯޓެއް ނަގަން ވެރިކަމުގެ ހުވާކުރުމުގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓެއް ބާއްވާނެ ކަމަށް ރައްޔިތުންގެ ގާތުގައި ބުނެފި ނަމަ، އެ މަނިކުފާނަށް ވޯޓުނުދޭނެ ބައިވަރު މީހުން ރާއްޖޭގައި ތިބުމުން
ބުނީ ކީކޭ؟ - ޖަވާބުގައި ނަޝީދު ވިދާޅުވީ، އަމީރު އެ ދުވަހު ވިދާޅުވީ، 2023ގެ ޕްރައިމަރީއަށް ވުރެ ވެސް މާ ކުރީގެ، އެމްޑީޕީއަށް ވެރިކަން ލިބުމުގެ ވެސް މާ ކުރީގެ ވާހަކަަތަކެއް ކަމަށެވެ. މީގެ ކުރިން ދުވަހަކު ވެސް އަމީރު އިތުރުފުޅެއް ހައްދަވައިގެން އެ މަނިކުފާނު ކައިރީ ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި ރައީސް ސޯލިހާ މެދު އެގޮތަށް ވިދާޅުވެވެން ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން، ގަބޫލުކުރެވޭނީ އަމީރުގެ ވާހަކަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މައްސަލަ ޖެހުނު، ބޮޑުވަޒީރުކަން ބޭނުންވެގެން ދެކެވުނު ވާހަކައަކީ މާ ކުރީގެ ވާހަކައެއް ކަމަށް ނަޝީދު ރޭ ވިދާޅުވި އެވެ. މިއަދު ކުރިމަތީގައި އޮތީ މި ސަރުކާރު ބަލިކުރުން ކަމަށާއި އެކަމަށްޓަކައި ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސް ސޯލިހު ވެސް ބައްލަވާލައްވައިފި ނަަމަ އެނގިވަޑައިގަންނަވާނެ ޕްރައިމް މިނިސްޓަރަކަށް ވުމަށް، އެއީ 2023ގެ ވެސް މާ ކުރީގެ ވާހަކައެއްކަން. އަޅުގަނޑަށް ހީވަނީ ރައީސް ސޯލިހުގެ ހަނދުމަފުޅު ކުޑަކޮށް ނެތިފައިހެން އެ ހުރީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކަކާ އެކު، 'ބޮޑު ބަދަލު'ގެ ނަމުގައި މިހާރު މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ރޭ ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ނިމުމުން ސޯލިހަށް ވެސް މަޝްވަރާތަކަށް ދައުވަތު ދެއްވާނެ ކަމަށާއި އެކުގައި ވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަަމަށެވެ.
ނަޝީދަށް މި އިންތިހާބު ކާމިޔާބުވާނެކަން ސޯލިހަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ވާދަވެރި ކެންޑިޑޭޓު މީކާއިލް ނަސީމަށް ތާއީދުކުރައްވާ މިހާރު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ފަރަގު ކުޑަކުރުމުގެ މަސައްކަތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން މި އިންތިހާބު ނިންމާފައި އަޅުގަނޑު އެމްޑީޕީ ޗެއާޕާސަނަކަށް ބަދަލުވެފައި ރައީސް ސޯލިހަށް ދަންނަވާނަން. ރައީސް ސޯލިހު ވަޑައިގަންނަވާނެ އަޅުގަނޑުމެން އެންމެ އެކީގައި މަސައްކަތްކުރަން. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ހިނގާކަމެއް ނޫން އެއީ. ދެން ރައީސް ސޯލިހަށް ވެސް އެނގިވަަޑައިގަންނަވާނެ އަޅުގަނޑު މޮޅުވާނެކަން. އަޅުގަނޑު ކައިރީގައި ވެސް ވިދާޅުވެފައި އެބަހުރި އެގޮތަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މުޅި ޕާޓީގެ ބަދަހިކަން ވަރަށް މުހިންމު
ޗެއާޕާސަން އިންތިހާބަށް ފަހު އެމްޑީޕީން ސީދާ ހަރަކާތަށް ނުކުންނާނެ؛ އެމްޑީޕީ މެދުވެރިކޮށް ނޫނީ ރާއްޖެ ސަލާމަތެއް ނުކުރެވޭނެ
ދިވެހިންގެ ކުރިއެރުން ގުޅިފައިވަނީ ވަރުގަދަ އެމްޑީޕީއަކާ؛ އެހެންވީމާ ޕާޓީ ވަރުގަދަވެގެން ދިއުން މުހިންމު
"100% ޔަގީނޭ އަޅުގަނޑު ހޮވޭނޭ. އެހެން ނަމަވެެސް، އަންނި ހޮވޭނޭ ކިޔާފައި ޕިކުނިކަށް ކަނޑާނުލައްވާތި. އަޅުގަނޑު އެދެނީ ހަމަ ވޯޓުގެ ކަންކަމުގައި އުޅުއްވަން،" ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ކުރީގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދަކީ އަބަދު ވެސް މިހާރު މިއޮތް ރިޔާސީ ނިޒާމު ކަމުނުދާ ކަމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އެ މަނިކުފާނު ބޭނުންފުޅުވީ ބަރުލަމާނީ ނިޒާމެއްގެ ދަށުން ރާއްޖޭގެ ވެރިކަން ހިންގަވާށެވެ.
ސޯލިހާއި ނަޝީދުގެ ދެމެދުގައި ފުރަތަމަ ހިތްހަމަނުޖެހުންތައް އުފެދުނީ ވެސް، ވެރިކަމަށް ވަޑައިގަތުމަށް ފަހު، ސޯލިހު އެކަމުގެ މަޝްވަރާތަކާއި އެ ބަދަލަށް އެއްބާރުލުން ނުދެއްވުމުންނެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ނަޝީދުގެ ގުޅިގެން މިހާރު ގެންނަން މަސައްކަތްކުރާ 'ބޮޑު ބަދަލު'ގައިވާ ހުށަހެޅުންތަކަކީ ބަރުލަމާނީ އަދި ރިޔާސީ ނިޒާމެއްގެ މަސްހުނި ހުށަހެޅުންތަކެކެވެ.
ޗެއާޕާސަން އިންތިހާބަށް ފަހު ސޯލިހު ހުންނަވާނީ އަޅުގަނޑާ އެކު: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ