މި ސަރުކާރުން ކޯޓާގެ ވަގު ވިޔަފާރި ކުރާ ކަމަށާއި އެ ކަމުގައި އިސްކޮށް އުޅުުއްވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ކިޔައިދެއްވި ވާހަކަތަކަކީ ހަގީގަތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްއާން މި ވާހަކަތައް ކިޔައިދެއްވީ މަނީ ލޯންޑަރިން އާއި ފްރޭމްކުރުމުގެ ކުށުގައި އޭނާއަށް 25 އަހަރަށް ހުކުމް ކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގެ ބޭރުގައި ހުރެގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވަނީ ބިދޭސީންގެ ކޯޓާ ވިއްކުމުގައި ސަރުކާރުގެ މަތީފަޑީގެ ބައިވެރިވުން އޮތް ބޮޑު ކޮރަޕްޝަނެއްގެ ތުހުމަތުކޮށްފަ އެވެ.
މިކަމާ ގުޅުވާ ފައްޔާޒް އެކްސް ގައި ވިދާޅުވީ ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުން ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން ކަމަށެވެ. އަދި ޝަމްއާން ޖަލަށްލީ އެ ވާހަކަތައް ކިޔައިދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޝަމްއާން އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް. މިއަދު ޝަމްއާން ޖަލަށް ހުކުމް އެ ކުރީ އެ ވަހާކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުން. ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން،" އޭނާ ވިދާޅުވި އެވެ.
ކޯޓާގެ ވަގު ވިޔަފާރިއަށް މަގުފަހިކުރުމަށް ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވިއްކާލިކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. އެކަމުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝަމްއާންގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ފޭރުމުގެ ދައުވާގައި އޭނާއަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށަށް ޝަމްއާންގެ މައްޗަށް އިއްވީ ދެ އަހަރު ދުވަހުގެ ހުކުމެކެވެ. އަދި މަނީ ލޯންޑާ ކުރުމުގެ ކުށަށް އޭނާގެ މައްޗަށް އިއްވީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާ ގުޅިގެން ޝަމްއާން ވިދާޅުވީ މިއީ އޭނާ ފްރޭމްކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށާއި، މިކަން ފެށުނީ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ކަމަށެވެ.
އޭގެ އިތުރުން އޭނާ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ފޭރުނު ކަމަށް ބުނާ ފަސް ލައްކަ ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ އެ މީހާއާ ހަވާލު ކުރަން ވެސް ކޯޓުން ހުކުމް ކުރި އެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ތުހުމަތުގެ މައްސަލައިގައި ހުކުމް ކުރަން ބާއްވާ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ހުކުމް ކުރަން އުޅެނީ އޭނާ ފްރޭމްކޮށްގެން ކަމަށެވެ.
"މިނިސްޓަރު އިހުސާނު ލައްވާ ބަންގްލަދޭޝްގެ ވާކް ޕާމިޓް އެޕްރޫވްކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000 ރުފިޔާ ނަގާކަށް ޔަގީންކޮށް ރައީސް އަށް އެވާހަކަ ދެންނެވުމުން މިކަން ފެށިގެން އައީ. އޭރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުން ދިއަ ތުހުމަތާ އެކު މިކަން ހިނގާ ގޮތް ބެލީ،" އޭނާ ވިދާޅުވި އެވެ.
ކޮންޓްރޯލާގެ މަގާމުން މާޗު 21، 2025، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ.
ކޯޓާގެ ވަގު ވިޔަފާރިއާ މި ސަރުކާރާ ގުޅުވާ ޝަމްއާން ކިޔައިދިނީ ހަގީގަތް: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ