ރިޔާސީ އިންތިހާބަށް ކޯލިޝަނަކާއެކު ނުކުތުމާމެދު ސޯލިހާއި ނަޝީދުގެ ހިޔާލު ތަފާތު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކޯލިޝަނެއް އެކުލަވާލުމާ މެދު އެ ޕާޓީގެ ފަރާތުން ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަފާތު ހިޔާލުތަކެއް ފާޅުކުރައްވައިފި އެވެ.
ފެހި ގާނޫނުއަސާސީގެ ފަހުން ރާއްޖޭގައި އުފެދުނު ހުރިހާ ވެރިކަމެއް ވެސް ކޯލިޝަނެއްގެ ތެރެއިން އުފެދިގެންދިޔައިރު ސޯލިހު ވަނީ އެމަނިކުފާނުގެ ކޯލިޝަން ސަރުކާރާ ގުޅޭ ބައެއް ވާހަކަތައް ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ހިއްސާކުރައްވާފަ އެވެ. އެމަނިކުފާނު ސަރުކާރު ހިންގެވީ އޭރު އޮތް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދުގެ ލީޑަރުން ސޮއިކުރެއްވި އެއްބަސްވުމާ އެއްގޮތަށް ކަމަށް ސޯލިހު ވިދާޅުވި އެވެ. 
"ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމުގައި، އަޅުގަނޑު ކެރި ހުރެ މި ދަންނަވަނީ މިހާރު ވެސް، މިއަކީ އެންމެ ޕާޓީއަކަށް ކުރެވޭ ވަރު ކަމެއް ނޫން. އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް ރާއްްޖެ ތަރައްގީކުރަން ބޭނުންވާ އެންމެނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން ޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ދެވަނަ ބުރުގައި ކޯލިޝަނެއް ހަދައިގެންނެވެ. އެއަށްފަހު 2013 ވަނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީ ބަލިވީ އޭރު އޮތް އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނާ ވާދަކޮށެވެ. އަދި 2018 ގައި އަލުން އަނބުރާ އެމްޑީޕީން ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެންމެ ފަހުން ބޭއްވި އިންތިހާބުގެ ދެވަނަ ބުރަށް އަދާލަތު ޕާޓީއާއެކު ނުކުތް ނަމަވެސް އެމްޑީޕީއަށް ކުރި ހޯދިފައެއް ނުވެ އެވެ. 
"އަޅުގަނޑުމެން މިކިޔަނީ 60،000 މެންބަރުން ތިބި ކަމަށް، އޭގެ އިތުރުން އަޅުގަނޑުމެން އެބަ ބޭނުންވާ އެއް ލައްކަ ވޯޓު، މި ހޯދޭނީ ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ވިސްނުމަކަށް، އެ މީހުން މީގެ ތެރޭގައި ގެންގުޅޭނެ ކަމުގެ ޔަގީންކަން ދެވޭނެ ސިޔާސަތުތަކަށް،" ސޯލިހު ވިދާޅުވި އެވެ. 
މިއަދު ހެނދުނު ގދ. ފަރެސްމާތޮޑާއަށް ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ވަޑައިގެން ނަޝީދު ވަނީ މިހާރު އޮތް ސަރުކާރު ބަލިކުރަން އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 
"އެއީ އެވެނި ބަޔަކާ މިވެނި ބަޔަކާ ގުޅިލައިގެން، އަދާލާތު ޕާޓީގެ އެހީއެއް ހޯދައިގެން، ޖުމްހޫރީ ޕާޓީގެ މަދަދުވެރިކަން ހޯދާލައިގެން، އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއްގެ ގޮތުގައި އެއްގޮތަކަށް ވެސް ދެކިނުލައްވާ، މި ހުރިހާ ކަމެއް ކުރާ ހަގީގީ ބަޔަކީ މި ރީނދޫ ލަޝްކަރު، ތި ބޭފުޅުން،" އެކަމުގައި ނަޝީދުގެ ހިޔާލު ފާޅުކުރައްވަމުން ވިދާޅުވި އެވެ. 
ސަރުކާރަށް އެނބުރި އައުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރަނީ އެމްޑީޕީގެ މެންބަރުން ކަމަށާއި ރާއްޖެ ބަދަލުކުރުމުގައި އެމްޑީޕީގެ މެންބަރުންގެ ދައުރު އެއްވެސް މީހަކަށް އޮޅިފައި ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 
މިވަގުތު އެމްޑީޕީ އާއެކު އިދިކޮޅު ޕާޓީއަކަށް އޮތީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އެވެ. އެ ދެ ޕާޓީގައި ހިމެނޭ ކުރީގެ ވެރިކަން ކުރެއްވި ތިން ރައީސުން އަންނަނީ ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓްގެ ނަމުގައި އިދިކޮޅު ހަރަކާތްތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ