އިންޑިއާގައި "ފޮޓޯ ނަގަން އުޅެނިކޮށް ވެއްޓި" މަރުވި ޒުވާނެއްގެ ގާތިލަކީ ކައިވެނިކުރަން އުޅުނު އަންހެން މީހާ

އިންޑިއާގެ ވިޔަފާރިވެރި އާއިލާއެއްގެ ޒުވާން ފިރިހެނެއް ކަމަށްވާ ކޭތަން އަގަރަވާލް ޕޫނޭގެ ލޯހަގަޅު ފޯޓްގެ އުސް ތާކުން ވެއްޓި މަރުވީ އެކްސިޑެންޓަކުން ކަމަށް ފުރަތަމަ ބެލެވުނެވެ. އެކަމަކު، ހޫނު ގަދަ ދުވަހަކު، ހޫޑީއެއްގައި އުޅުނު މީހަކު ސީސީޓީވީން ފެނި ފުލުހުންނަށް އުފެދުނު ޝައްކުތަކާ އެކު ކުރި ތަހުގީގުން އެނގުނީ، އުމުރުން 26 އަހަރުގެ ކޭތަންގެ މަރަކީ އޭނާ ކައިވެނިކުރަން އުޅުނު ސިޔާ ގޯޔަލް ހިންގި ބޮޑު ޖަރީމާއެއްކަމެވެ.
"ސީސީޓީވީން ފެނުނު މީހަކު ހުރީ ސޯޓަކާއި ހޫޑީއެއްލައިގެން. އޭނާގެ މޫނު ނުފެންނާނޭހެން ހޫޑީގެ ކުރިމަތި އޮތީ ތިރިކޮށްފައި. އަދި ހޫޑީގެ މަތިން ހުރީ ހެޑްސެޓެއް ވެސް އަޅައިގެން. އެހެން ފުޓޭޖަކުން ފެނުނު ގޮތުގައި ސިޔާ ކުއްލިއަކަށް ފަސްއެނބުރި ބަލައިލުމާ އެކު، ހޫޑީލައިގެން ހުރި މީހާ ކުއްލިއަކަށް ތިރިވެ އިށީނދޭ، ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޫޑީގައި ހުރި މީހާއާ މެދު ސުވާލު އުފެދުނީ، ހާދިސާ ހިނގި ޖޫން 18 ވަނަ ދުވަހުގެ އެ ވަގުތުގެ ފިނިހޫނުމިން ބެލިއިރު 33 ޑިގްރީ ސެލްސިއަސްގައި ހުރުމުންނެވެ. މިފަދަ ގަދަ ހޫނެއްގައި މީހަކު ހޫޑީއެއްލައިގެން އުޅޭނީ ކީއްވެގެންތޯ ފުލުހުންގެ ހިތުގައި ސުވާލު އުފެދުނީ އެވެ.
ސިޔާއާ ކައިވެނިކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި ކޭތަން މަރުވީ ދެ ލޯބިވެރިން ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި، އުސް އަދި ހަނި ވާދީއެއްގެ ތެރެއަށް ވެއްޓިގެން ކަމަށް އޮތީ ބެލެވިފަ އެވެ. ކައިވެންޏަށް އެހާ ކުޑަ ދުވަސްކޮޅަށް ވެފައި އޮއްވައި ކޭތަން މަރުވުމުން ސިޔާއަށް އެތައް ބައެއްގެ ހަމްދަރުދީ އައީ ލިބެމުންނެވެ. ސިޔާ ދިޔައީ "އޭނާއަށް ދިމާވި ހިތްދަތި" ކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ލިޔަމުންނެވެ. ވާން އުޅުނު ފިރިމީހާގެ މަރާ އެކު ހިތް ކުދިކުދި ވެފައި ހުރި ކަމަށް ބުނަމުން ދިޔަ އެވެ. 
އެކަމަކު ފުލުހުންގެ ތަހުގީގުން ހުރިހާކަމެއް މުޅިން ބަދަލުވީ އެވެ.
ޕޫނޭ ރޫރަލްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އެސްޕީ) ސަންދީޕް ގިލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ކޭތަންގެ މަރުގެ ހަގީގަތް ހޯދުނީ ވަރަށް ބޮޑަށް ތަހުގީގުކޮށްގެން ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، ފޯޓަށް ދާ މަގުތަކުގެ ސީސީޓީވީ ބެލި އެވެ. ކޭތަން އާއި ސިޔާގެ ކާރު ފަހަތުން ޒުވާނަކު ސައިކަލެއްގައި ދާތީ ފެނެ އެވެ. ގަދަ ހޫނުގައި ހޫޑީއެއްލައިގެން އުޅުނު މި މީހާގެ އަމަލުތައް ހުރީ ޝައްކު އުފެދޭ ގޮތަށެވެ. ނިއުސް18 މަރާޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގެ ކައިރިން ވެސް މި މީހާ ފެނިފައިވެ އެވެ. މި ހޯދުމާ އެކު، ސިޔާ އާއި އެ މީހާއާ ގުޅުމެއް އޮތްކަމަށް ބެލެވި، ފުލުހުން ސިޔާއާ މެދު ޝައްކުކޮށް ވަރުގަދައަށް ސުވާލުކުރަން ފެށި އެވެ.
ފުލުހުން ބުނާ ގޮތުގައި، ސީސީޓީވީ ފުޓޭޖާއި ހޫޑީލައިގެން ހުރި މީހާގެ ހަރަކާތްތަކުގެ ހެކިތަކާ އެކު ސިޔާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެފަ އެވެ. ތަހުގީގުން އެނގުނު ގޮތުގައި، ހުޑީ ލައިގެން އުޅުނީ ސިޔާގެ ސިއްރު ލޯބިވެރިޔާ ޗޭތަން ޗައުދަރީ އެވެ. 
ކޭތަން އާއި ސިޔާ ކައިވެންޏަށް ތައްޔާރުވަމުން ދިޔައީ ދެ ފަރާތުގެ އާއިލާއިން ހަމަޖައްސައިގެން ކަމަށް ވާއިރު ސިޔާ ބޭނުންވެފައި ހުރީ ޗޭތަންއާ ކައިވެނިކުރާށެވެ. އެހެންވެ ކޭތަންގެ ކައިވެނި ހުއްޓުވަން ސިޔާއަށް ވިސްނުނީ ކޭތަންގެ ދުވަސް ދުއްވާލާށެވެ.
ސިޔާ އާއި ކޭތަން އެންމެ ފުރަތަމަ މި ފޯޓަށް ދިޔައީ މޭ 31 ގަ އެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ކޭތަން މަރާލައި، އެއީ އެކްސިޑެންޓެއްގެ ގޮތުގައި ދައްކަން ސިޔާއަށް ހިޔާލު އައީ އެ ދުވަހު އެވެ. އެއަށްފަހު ޖޫން 14 ގައި ޗޭތަންއާ އެކު ދެވަނަ ފަހަރަށް އެތަނަށް ދިޔަ ނަމަވެސް، ކޭތަން މަރާލަން ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ. ނަމަވެސް، ޖޫން 18 ގައި ތިން ވަނަ ފަހަރަށް ގޮސް އެ ރޭވުން ކާމިޔާބުކުރި އެވެ.
ސިޔާ އާއި ޗޭތަން މިހާރު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފަ އެވެ.
ޖޫން މަހުގެ ފުރަތަމަ ހަފުތާގައި ސިޔާ އާއި ކޭތަން ޕްރީ-ވެޑިން ފޮޓޯޝޫޓަކަށް ބާލީއަށް ދާން އޮތީ ރާވައިފަ އެވެ. ނަމަވެސް ފުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން އެ ދަތުރު ކެންސަލްކުރަން ޖެހުނެވެ. އެސްޕީ ސަންދީޕް ގިލް ވިދާޅުވީ، ސިޔާ ގަސްތުގައި ކޭތަންގެ ޕާސްޕޯޓް ފޮރުވައި، ބާލީއަށް ނުދެވޭ ގޮތް ހެދީ ކަމަށެވެ. މުމްބާއީ އެއާޕޯޓަށް ދިޔުމަށްފަހު ވެސް ޕާސްޕޯޓް ނުފެނުމުން އެނބުރި އަންނަން ޖެހުނީ އެވެ. އަދި އެނބުރި އައިސް، އެ މީހުން ކޭތަން މަރާލުމުގެ ދެން އޮތް ޕްލޭން ރޭވި އެވެ.
މި ކައިވެންޏަކީ ދެ އާއިލާއިން ހަމަޖެއްސި ކައިވެންޏެކެވެ. ފުރަތަމަ ދެމީހުން ވެސް މިކަމަށް ގަބޫލުވި އެވެ. ކައިވެނީގެ ތައްޔާރީތައް ދިޔައީ ވަރަށް ކުލަގަދަކޮށް ވަމުންނެވެ. މެހެމާނުންނަށް ހާއްސަ ފްލައިޓްތައް ބުކްކޮށް، ޖަޔަޕޫރުން ބޮޑު ހޯލެއް ވެސް އޮތީ ކުއްޔަށް ހިފައިފަ އެވެ. -- އެންޑީޓީވީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ