ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުވާ މީހެއްގެ އޯޑިއޯ ސާމްޕަލް ނެގުމުގެ އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުވާ މީހެއްގެ އޯޑިއޯ ސާމްޕަލް ނެގުމުގެ އަމުރާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިިވާ ނިންމުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތިި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ބަޔާން ކުރާ ޙާދިސާ ހިނގިއިރު ތުހުމަތުވާ މީހާއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީޕޯޓް އޮޕަރޭޝަންސް ޑިވިޜަންގެ ޑިވިޜަން ހެޑްގެ މަޤާމުގައި ހުރި މުވައްޒަފެކެވެ.
މި މައްސަލައިގައި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ދެއްވާފައިވާ ރައުޔަށް ދެން ތިއްބެވިި ދެ ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދު ކުރައްވާފައެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ރައުޔު އިއްވަވަމުން ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުވާ މީހާގެ ފޮޓޯ އަދި އޯޑިއޯ ސާމްޕަލް ނެގުމަށް ނެރެފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ނެރެވިދާނެ އަމުރެއްކަން ނުވަތަ ނޫންކަން ބަލާފައިވާނެ ކަމަށެވެ. އަދި އެގޮޮތުން ބެލި ބެލުމުން، އެ އަމުރުތަކަކީ ބާތިލު އަމުރުތަކެއްކަމަށް ކަނޑައަޅަން ޖެހޭކަމަށް ފެނިލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ނިންމައިފިނަމަ، އަދި އެހާތަނަށް އޭނާގެ ފޮޓޯ އަދި އޯޑިއޯ ދިނުމަށް އޭނާ އެއްބަސްވެފައިނުވާނަމަ، އޭނާ އިންކާރު ކުރި ކުރުމަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭނެ އުޒުރެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ އެ މައްސަލައިގެ ޝަރީއަތުގައިކަމަށް ދެކިލައްވާކަމަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވިއެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބަލަމުންދިޔަ މައްސަލައެއްގައި ވަކި ކުންފުންޏަކަށް ފަހިވާގޮތަށް އެމައްސަލަ ނިންމުމަށް ކުންފުނީގެ ކިބައިން އޭނާ ރިޝްވަތަށް އެދުނުކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި އޭނާ ރިޝްވަތަށް އެދުނު މައްސަލަ އޭސީސީން ތަޙްޤީޤު ކުރަމުންދާއިރު، މި ތަޙްޤީޤާއި ގުޅިގެން އޭނާގެ އަޑުގެ ސާމްޕަލަކާއި އަދި ހަށިގަނޑުން ބޭރުންނަގާ ސާމްޕަލްގެ ގޮތުގައި ފޮޓޯ ނެގުމަށް އޭސީސީން ވަނީ އެދިފައެވެ.
އޭސީސީން ކޯޓު އަމުރެއް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެދީފައެވެ. މި މައްސަލައިގައި އަމުރަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. ނަމަވެސް އަމުރު ދޫކޮށްފައިވަނީ 48 ވަނަ މާއްދާއާ ޙަވާލާދީއެވެ.
އެހެންކަމުން އޭނާގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީއެވެ. ހައިކޯޓުގައި އޭނާގެ ފަރާތުން ބުނެފައިވަނީ، އޭނާއަކީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވާ ފަރާތަކަށް ނުވާއިރު، ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކެއް އޭނާގެ މައްޗަށް ހިންގައި އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
ދައުލަތުން ދެކޭ ގޮތުގައި ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާ ކިޔުމުން އެމާއްދާގެ (ނ) ގައި ބަޔާން ކުރާ “ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ” ގެ މާނައިގެ ތެރޭގައި ކުށުގެ ތުހުމަތުގައިވާ މީހާވެސް ހިމެނިގެން ދާނެއެވެ. އެގޮތުން އެ އަކުރުގައި ބަޔާންކުރާ އިޖުރާއަތު ހަމައެކަނި ހިނގާނީ ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ނޫންކަމަށް ދައުލަތުން ފާހަގަކުރިއެވެ.
ހައިކޯޓުންވެސް ނިންމީ މި މައްސަލައިގައި އޭނާގެ ސާމްޕަލް ހޯދުމަށް ކްރިމިނަލް ކޯޯޓުން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އޭނާ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީއެވެ.
(ޚަބަރާ ގުޅޭ އިތުރު ތަފްސީލު)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ