އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރި ކޭޕް ވާޑް އަތުން މުބާާރާތުގެ ފޭވަރިޓެއް ކަމަށް ބެލެވޭ ސްޕެއިނަށް މޮޅެއް ނުލިބުނު ކަމުގައި ވިޔަސް އަދި ހާސްވާންޖެހޭ ކަމެއް ނެތް ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ.
ސްޕެއިނާއި ކޭޕް ވާޑް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗުގައި ސްޕެއިނަށް އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކުނުއިރު، ކޭޕް ވާޑްގެ ގޯލު ބެލެހެއްޓި އުމުރުން 40 އަަހަރުގެ ކީޕަރު، ވޮޒީނިއާ ވަނީ ސްޕެއިނުގެ ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެ ލަ ފުއެންޓޭ ބުނީ، ދުނިޔޭގެ ރޭންކިން 67 ވަނައިގައި އޮތް ކޭޕް ވާޑް ކައިރީގައި ސްޕެއިނަށް ގޯސް ހެދުނީ އަމިއްލަ އަށް ކަމަށެެވެ.
މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި، އަލަށް މުބާރާތުގައި ވާދަކުރާ ކޭޕް ވާޑްއާ ވާދަކޮށް 0-0 އިން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، މިއީ، ސްޕެއިންގެ ފަރާތުން ޖުމްލަކޮށް ބަލާއިރު، އެޓޭކުގައި ދަށްކޮށް ފެނުނު މެޗެއް.
"ހަަމަޖެހިލައިގެން ކުޅެން ބޭނުންވާކަން ދަނެގެން ކުރަން ޖެހޭ ކަންކަން އަހަރެމެންނަށް މެޗުގައި ނުކުރެވުނީ. ދެން، ވިސްނަން ޖެހޭ ކަންކަން އެބަހުރި، އަހަރެން ގަބޫލުކުރާގޮތުަގައި، ސްޕެއިން މި މުބާރާތުގައި ވަރަށް ކުރިއަށްދާނެ. އެހެންވީމަ، ވަރަށް ހަމަޖެހިލައިގެން މި ހުރީ އަހަރެން،" ކުރިން ސްޕެއިންގެ ޒުވާން ޓީމުތަކަށް ކޯޗުކޮށްދިން ޑެ ލަ ފުއެންޓޭ ބުންޏެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން 2010 ވަނަ އަހަރު ހޯދުމަށްފަހު، އޭގެ ފަހުން އައި ވޯލްޑް ކަޕް މުބާރާތްތަކުގައި ސްޕެއިނަށް އެކަށީގެންވާ ހިސާބަކަށް ދެވިފައިނުވެ އެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް މީގެ ދެ އަހަރު ކުރިން، ސްޕެއިނުން ކާމިޔާބު ކުރުމާ އެކު، މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓަކަށް ސްޕެއިންގެ ނަން ގިނަ ބަޔަކު ގުނަ އެވެ.
"އަހަރެމެންގެ ފިލޯސަފީ ބަދަލުކުރަން ޖެހޭ ކަމަށް ނުދެކެން. އެބަތިބި ޓީމަށް އަންނަން ޖެހޭ މުހިންމު ކުޅުންތެރިން. އެއީ، މި މުބާރާތުގައި ސްޕެއިން ކުރިއަށްދިއުމުގައި މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިން، ޓީމަށް އެ ބަދަލުތައް އައިސްގެން ދެން ތަފާތުވާނެ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
ޑެ ލަ ފުއެންޓޭ ބުނީ، ގްރޫޕް ސްޓޭޖުގައި ދެން ސްޕެއިނުން ކުޅެން ޖެހޭ ދެ މެޗުގައި ސައުދީ އަރަބިއްޔާ އާއި އުރުގުއޭއާ ދެކޮޅަށް ނުކުންނާނީ ތަފާތު ވިސްނުންތަކާ އެކު މެޗުތައް ކާމިޔާބު ކުރުމަށް ކަމަށެވެ. ދެން، ސްޕެއިނުން ކުޅޭ މެޗުގައި އާދިއްތަ ދުވަހު ބައްދަލުކުރާނީ ސައުދީ އަަރަބިއްޔާއާ އެވެ.
ސްޕެއިނަށް މޮޅެއް ނުލިބުނަސް ކޯޗު ޑެ ލަ ފުއެންޓޭ ހަަމަޖެހިލައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ