ދުންފުހުގެ އަސަރު ދިގުދެމިގެން ދަނީ އިރުވައި މޫސުން އާއްމުކޮށް ފަށާ ދުވަސްވަރަށް ވުރެ އަވަހަށް ފެށުމުން: މެޓް

ދުންފުހުގެ އަސަރު ދިގުދެމިގެންދަނީ އިރުވައި މޫސުން އާއްމުކޮށް ފަށާ ދުވަސްވަރަށްވުރެ އަވަހަށް ފެށުމުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުން މައުލޫމާތު ދިންގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ސަރަހައްދަށް ދުންފުނީގެ އަސަރު ވަރަށް ބޮޑަށް ކުރަން ފަށާފައިވެއެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މިކަން ދިގުލައިގެން ގޮސްފައިވަނީ މޫސުން ބަދަލުވިލެއް އަވަސްވުމުގެ އިތުރުން، ވައި ހުރި މިސްރާބަށް ބަދަލެއް ނައިސް ގިނަ ދުވަސްތަކެއް ވަންދެން ހުރުމުންނެވެ.
ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ވައި ސާފުވާން ފަށާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވައިގެ ނުސާފުކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެމުންނެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސިއްހީ ގޮތުން ނާޒުކު ފަރާތްތަކުން މި ދުވަސްވަރު ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ހަރަކާތްތައް މަޑުޖައްސާލުމަށް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ. އަދި ބޭރަށް ނުކުމެ އުޅޭއިރު އެން-95 މާސްކު ފަދަ ރައްކާތެރި މާސްކު އެޅުމަށާއި، ގޭތެރެއަށް ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށްވެސް އެ އިދާރާއިން އިރުޝާދުދެއެވެ.
މީގެ އިތުރުން، ގޭތެރޭގައި އެއަރ ޕިއުރިފަޔާ ބޭނުންކުރުމަކީ ވެސް ވައިގެ ނުސާފުކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ