ވެކްސިނުން މަރުވި ކަމަށް ބުނި އެއްމާބަނޑު ދެ ކުދިންގެ ގާތިލަކީ މަންމަ ކަމަށް ތުހުމަތުވެ ހައްޔަރުކޮށްފި

އެމެރިކާގެ މަޔަކު އޭނާގެ 18 މަހުގެ އެއްމާބަނޑު ދެ ކުދިން މަރުވީ ވެކްސިނުގެ ސަބަބުން ކަމަށް ބުނަމުން ދަނިކޮށް އެއީ ނޭވާ ހާސްކޮށްލައިގެން ގަސްތުގައި މަރާލި ދެ ކުދިންކަން ފަޅާއަރައި މަރުގެ ތުހުމަތަށް މަންމަ ހައްޔަރުކޮށްފި އެވެ.  
އުމުރުން 23 އަހަރުގެ އެންޑްރިއާ ޝޯ ބުނެފައިވާ ގޮތުގައި، އޭނާގެ ދަރިން މަރުވީ އިންފްލުއެންޒާ، ހެޕަޓައިޓިސް އޭ އަދި ޓެޓަނަސް ހިމެނޭހެން، ކުޑަކުދިންނަށް ދޭ ބައެއް ވެކްސިންތައް ޖެހިތާ އަށް ދުވަސް ފަހުން ނޭވާ ހާސްވެގެންނެވެ.
ޝޯ އަކީ، ޓްރަމްޕްގެ ސަރުކާރުގެ ހެލްތު ސެކްރެޓަރީގެ މަގާމާ ރޮބާޓް ކެނެޑީ ޖޫނިއާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އޭނާ އިސްވެ ހުންނަވައި އުފެއްދެވި ވެކްސިނާ ދެކޮޅު ޖަމްއިއްޔާއެއް ކަމަށްވާ "ޗިލްޑްރަންސް ހެލްތު ޑިފެންސް" އިން ވެކްސިނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްގައި ދައުވާކުރާ އެކަކެވެ.  
ވެކްސިނުގެ ސަބަބުން ދެ ދަރިން މަރުވި ކަމަށް ބުނި ޝޯގެ ހެކިބަހަކީ އެ ދައުވާގެ މައިގަނޑު އަސާސެވެ. އެ ދައުވާގައި އެމެރިކާގެ އެންމެ ބޮޑު ޕީޑިއަޓްރިކް ސޮސައިޓީ ކަމަށްވާ "އެމެރިކަން އެކަޑެމީ އޮފް ޕީޑިއަޓްރިކްސް" އިން، ކުދިންނަށް ލަފާދޭ ވެކްސިންތަކުގެ ރައްކާތެރިކަމާ ބެހޭގޮތުން ދޮގު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެމެރިކާގެ ހުޅަނގު އުތުރުގެ ސްޓޭޓެއް ކަމަށްވާ އައިޑަހޯގެ ޕަޔެޓް ޕޮލިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ޝޯ ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ "ދިގު މުއްދަތަކަށް ދެމިގެންދިޔަ އަދި ފުރިހަމަ ތަހުގީގަކަށް" ފަހުގަ އެވެ.
އައިޑަހޯ ސްޓޭޓްސްމަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ކޯޓުގައި ޝޯގެ ވަކީލު ޖޯސެފް ފިލިސެޓީ ވަނީ ޝޯ އަކީ "އޯގާތެރި، ލޯބިދޭ މައެއް" ގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ދައުލަތުން އޭނާ ސިފަކުރާ ގޮތަކީ ހަގީގަތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
މަރުގެ އަދަބު ލިބުމުގެ ފުރުސަތު އޮތް ޝޯ ވަނީ، އޭނާ ހައްޔަރުކުރުމުގެ ދުވަސްކޮޅެއް ކުރިން ލިބިފައިވާ ތުއްތު އަންހެން ދަރިފުޅާ އެކު ހުރުމަށްޓަކައި، ދެ މިލިއަން ޑޮލަރުގެ ކަފާލާތުގެ އަދަދު ކުޑަކޮށްދިނުމަށް އެދިފަ އެވެ.
ނަމަވެސް، ފަނޑިޔާރު ކައިލީ ސްޓަޗްލިކް މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ޝޯގެ ކަފާލާތު މުޅިން ބާތިލުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވި ކަމަށް އައިޑަހޯ ސްޓޭޓްސްމަން އިން ރިޕޯޓްކޮށްފައިވެ އެވެ.
މޭ 2025 ގައި އޭނާގެ ދަރިން މަރުވުމާ ގުޅިގެން، ޝޯ ވަނީ "ޗިލްޑްރަންސް ހެލްތު ޑިފެންސް" ގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އޭނާގެ ދަރިން އެނދުގައި މަރުވެފައި ތިއްބާ ފެނުނު ކަމަށް ބުނެފަ އެވެ.
ސިއްހީ މާހިރުން ފަހަކަށް އައިސް ތަކުރާރުކޮށް ބުނަމުން އަންނަނީ ކުޑަކުދިންނަށް ދޭ ވެކްސިންތަކުގެ ސަބަބުން ނޭވާ ހާސްވުމުގެ ނުރައްކާ އިތުރުނުވާ ކަމަށެވެ. އަދި ޝޯގެ އެއްމާބަނޑު ދެ ކުދިންނަކީ ޖެނެޓިކަލީ އެއްގޮތް ދެ ކުދިންނަށް ނުވާއިރު، އެއް ވަގުތެއްގައި ވެކްސިންގެ ސަބަބުން ދިފާއީ ނިޒާމަށް އެއް ބަދަލެއް އައި ދެ ކުދިން އެއް ވަގުތެއްގައި މަރުވެދާނެތޯ ވެސް މާހިރުން ސުވާލު އުފެއްދެވި އެވެ.
ވެކްސިން ޖެހުމާއި އޯޓިޒަމްއާ ގުޅުން ހުންނަ ކަމަށް އެއްވެސް ހެއްކެއް ނެތި ވާހަކަ ދައްކަވާ ކެނެޑީ، މި މައްސަލައާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި "ޗިލްޑްރަންސް ހެލްތު ޑިފެންސް" އާ އޭއެފްޕީން ސުވާލުކުރުމުން އެތަނުން ވެސް ޖަވާބެއް ނުދިނެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ