އިންތިހާބުގެ ވޯޓުލުން ރޭގަނޑު 9:00 ޖެހުމާ ހަމައަށް އިތުރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ރޭގަނޑު 09:00 ޖެހުމާ ހަމައަށް އެ ޕާޓީން އިތުރުކޮށްފި އެވެ. 
އެމްޑީޕީން ބުނީ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކުރީ މޫސުން ގޯސްވުމުގެ ސަބަބުން ދަތިތައް ދިމާވެ، ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށްގެންދިޔުން ލަސްވުމާ ގުޅިގެން ކަމަށެވެ. 
"މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވުމާއި ގުޅިގެން، ވޯޓުލުން މިރޭ 9:00 އާއި ހަމައަށް ވަގުތު އިތުރުކޮށްފައިވާ ވާހަކަ ދަންނަވަން،" އެމްޑީޕީން ބުންޏެވެ. 
ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދަން ކުރިން ނިންމާފައިވަނީ މެންދުރު 2:30 އިން ފެށިގެން ރޭގަނޑު 08:00 ޖެހުމާ ހަމައަށެވެ. ނަމަވެސް ރޭ އިތުރު 30 މިނެޓު ވޯޓުލާ ގަޑިއަށް އިތުރުކުރި އެވެ. 
މި އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ. 
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް  ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ. 
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ