ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން މެޑިކަލް ޔުނިޓު އަޅާނެ ބިން ވަނީ ހަމަޖެހިފައި: ގީލާ

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފަށަން ބޭނުންވާ ޔުނިޓް އިމާރާތް ކުރާނެ ބިން މިހާރު ހަމަޖެހި، މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖޭގެ ޕޯސްޓްޕޯޓަމް ހެދުމުގައި ހުރަހެއް ނެތްއިރު، ދައުލަތުން ކޮންމެ ފަހަރަކު އެކަން ކުރުމަށް ރާއްޖެ އިން ބޭރަށް ދާން ކުރާ ހަރަދާއި ރާއްޖޭގައި އެކަން ނުކުރެވޭ ސަބަބާއި އެކަން ރާއްޖޭގައި ފަށަން ގަސްދު ކުރާތޯ ނުވަތަ ނޫންތޯ އޮޅުން ފިލުވަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދެއްވި ޖަވާބުގަ އެވެ.
މިނިސްޓަރު ގީލާ ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް ލެވެލް2ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށެވެ. އެ ހިދުމަތަށް ބޭނުންވާ ބިން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ. 
"މި ޔުނިޓް ގާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެ އަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކްގެ ހިދުމަތާއި މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ހިދުމަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ފޯރުކޮށްދިނުމުގެ މަގު ފަހިވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިދިޔަ 10 އަހަރަށް ބަލާއިރު ޕޯސްމޯޓަމް ހަދަން 23 މީހެއްގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވި ކަމަށާއި ކޮންމެ މީހަކަށް 55،000ރ. ހޭދަކުރަން ޖެހުނު ކަމަށް ވެސް ގީލާ މިއަދު ވިދާޅުވި އެވެ.
ރާއްޖޭގަ ޕޯސްޓްމޯޓަމްގެ ހިދުމަތް ދިނުމަށް ގާނޫނެއް ހެދީ 2015 ވަނަ އަހަރު އެވެ. އެ ގާނޫނުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާތީއާ އެކު، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ފުލުހުން 2021 ގައި ބުނެފައި ވެ އެވެ.
The most trusted news source in the Maldives
"އަޅުގަނޑަށް އަބަދު ވެސް ޔަގީންކަން އޮވޭ ރާއްޖޭގައި ވެސް މި ހިދުމަތް ފެށޭނެކަން. ކުރިއަރަމުންދާ ގައުމެއް ދުނިޔޭގެ ހުރި ހުރިހާ ޕްރޮފެޝަނަލް ހިދުމަތްތަކެއް ވެސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގައުމެއް. އަޅުގަނޑުމެންނަށް ވަރަށް މުހިއްމު، ބޭނުންތެރި ދާއިރާއެއް މި ދާއިރާއަކީ،" ޕެތަލޮޖިސްޓް، އިންސްޕެކްޓަރު އޮފް ޕޮލިސް ޑރ. ހަސަން އުމަރު ކުރިން ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ