ހަމާސް އިން ޣައްޒާ ހިންގާ އިދާރާ އުވާލައި، ބާރުތައް ދޫކޮށްލަނީ

ހަމާސް ޖަމާއަތުން ފާއިތުވި ވިއްސަކަށް އަހަރު ޣައްޒާގައި ވެރިކަން ކުރުމުގައި ބޭނުންކުރި އިދާރާ އުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ޖަމާއަތުގެ އޮފިޝަލުން ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
މިއީ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާ އެކު ހެދި އެއްބަސްވުމުގައި ހިމެނޭ ގޮތަށް، ޣައްޒާގައި މަދަނީ ވެރިކަމެއް ހިންގުމަށް ފަލަސްތީނުގެ ފަންނީ ބޭފުޅުންގެ ކޮމިޓީއަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި ނިންމުމަކީ ވާދަވެރި ފަތަހް ޖަމާއަތުގެ އަތުން 2007 ވަނަ އަހަރު ބާރުތައް އަތުލައި، އޭގެ ފަހުން ޣައްޒާގެ ވެރިކަން ކުރަމުން އައި ހަމާސް ޖަމާއަތުގެ ސިޔާސަތަށް އައި ވަރަށް ބޮޑު ބަދަލެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސް އާއި އިޒްރޭލުން ޣައްޒާގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން، ދުވަހުން ދުވަހަށް ކުރަންޖެހޭ ވެރިކަމުގެ ކަންކަމުން އެއްފަރާތްވުމަށް ތައްޔާރަށް އޮތް ކަމަށް އެ ޖަމާއަތުން ތަކުރާރުކޮށް އައީ ބުނަމުންނެވެ. ނަމަވެސް، ހަމާސްގެ ހަތިޔާރު ބެހެއްޓުމުގެ މައްސަލައަށް އަދިވެސް ހައްލެއް ހޯދިފައެއް ނުވެ އެވެ.
"ޣައްޒާ ގަވަމަންޓް ކޮމިޓީ އުވާލުމަށާއި، 'ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ' އިން ރަސްމީކޮށް ޒިންމާތަކާ ހަވާލުވަންދެން އެ ކޮމިޓީގެ މަސައްކަތްތައް ބެލެހެއްޓުމަށް ގައުމީ ފެންވަރުގައި ބަލައިގަންނަ ފަރާތެއް އައްޔަންކުރުމަށް ހަމާސް އިން ވަނީ ނިންމާފައި،" މިކަމާ ގުޅޭގޮތުން ރަސްމީކޮށް ވާހަކަދެއްކުމުގެ ހުއްދަ ނެތުމުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ހަމާސްގެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
ޣައްޒާގައި ހުންނަ ހަމާސްގެ މީޑިއާ އޮފީހުން ބުނި ގޮތުގައި، ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި "މުހިންމު ނޫސްވެރިންގެ ބައްދަލުވުމެއް" ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅޭގޮތުން ކަމެއް ހާމައެއް ނުކުރެ އެވެ.
ހަމާސްގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދާދިފަހުން ގާހިރާގައި ބޭއްވި ބައްދަލުވުމެއްގައި ފަލަސްތީނުގެ އެހެން ޖަމާއަތްތަކަށް ވެސް މި ނިންމުން މިހާރު ވަނީ އަންގައިފަ އެވެ.
"އެހެން ޖަމާއަތްތަކުން ހަމާސްގެ މި ނިންމުމަށް ވަނީ މަރުހަބާ ކިޔާފައި. އަދި މިއީ ނޭޝަނަލް ކޮމިޓީއަށް ވެރިކަމުގެ ޒިންމާތަކާ ހަވާލުވުމަށް މަގުފަހިކޮށްދިނުމަށް އެޅުނު ސީރިއަސް ފިޔަވަޅެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރި،" އެ އޮފިޝަލް ވިދާޅުވި އެވެ.
ހަމާސްގެ މި އިދާރާ އުވާލުމުން، ފަލަސްތީނުގެ އޮފިޝަލެއް ކަމަށްވާ އަލީ ޝާތު އިސްކޮށް ހުންނަވައިގެން ހިންގާ 'ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ' (އެންސީއޭޖީ) އަށް އިދާރީ ޒިންމާތަކާ ހަވާލުވުމުގެ މަގު ތަނަވަސްވާނެ އެވެ.
އެންސީއޭޖީ އަކީ އޮކްޓޯބަރު މަހު ހަމާސް އާއި އިޒްރޭލާ ދެމެދު ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި 'ބޯޑް އޮފް ޕީސް' ގެ ދަށުން އުފެއްދި ކޮމިޓީއެކެވެ. ނަމަވެސް، ހަނގުރާމައިން ސުންނާފަތިވެފައިވާ ޣައްޒާއަށް އެ ކޮމިޓީގެ ބޭފުޅުން ވަނުމަށް އިޒްރޭލުން ހުރަސްއަޅަމުންދާތީ، އެ ކޮމިޓީގެ މަސައްކަތްތައް ފާއިތުވި މަސްތަކުގައި ހިންގަމުން އައީ ޣައްޒާއިން ބޭރުގަ އެވެ.
ހިޔާލުތަފާތުވުންތައް ކުޑަކުރުމަށް، ހާއްސަކޮށް ޣައްޒާގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާއާ ބެހޭގޮތުން ހަމާސް އާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން އަންނަނީ މެދުވެރިންނާ އެކު ގާހިރާގައި ބައްދަލުވުންތައް ބާއްވަމުންނެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިމެނުނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ  ރަހީނުން ދޫކޮށްލުމާއި، އޭގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހައްޔަރީން މިނިވަންކުރުމެވެ.
ނަމަވެސް، ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި ޣައްޒާއިން އިޒްރޭލު ސިފައިން މަޑުމަޑުން ފޭބުން ހިމެނޭ ދެވަނަ މަރުހަލާއަށް ދިއުމުގެ ކަންތައް ވަނީ މަސްތަކަކަށް ހުއްޓުމަކަށް އައިސްފަ އެވެ.
އިޒްރޭލު ސިފައިން ވަނީ ފާއިތުވި މަސްތަކުގައި ޣައްޒާގައި އެމީހުންގެ ބާރުތައް އިތުރަށް ފުޅާކޮށް، ޣައްޒާގެ ގާތްގަނޑަކަށް 70 ޕަސެންޓުގެ ސަރަހައްދެއް ކޮންޓްރޯލް އަތުލައިފަ އެވެ.
އަނެއްކޮޅުން، ހަމާސް އިން ބުނަމުންދަނީ އެ ޖަމާއަތުގެ ހަތިޔާރުތަކުން އެއްވެސް މިންވަރެއް ހަވާލުކުރުމާ މެދު ވިސްނާނީ، އޭގެ ކުރިން ފަލަސްތީނުގެ އާ އިދާރާއެއް ގާއިމުކުރުމުން ކަމަށެވެ.
ހަނގުރާމައަށްފަހު ޣައްޒާގެ ވެރިކަން ކުރާނެ ގޮތަކާ މެދު އުފެދިފައިވާ ސުވާލަކީ، ދެވަނަ މަރުހަލާ ތަންފީޒުކުރުމުގެ މަޝްވަރާތަކުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހެވެ. އިޒްރޭލުން ހަމާސް އަލުން ވެރިކަމަށް އައުމާ ދެކޮޅު ހަދާއިރު،  ރާމަﷲ ގައި ހުންނަ 'ފަލަސްތީނިއަން އޮތޯރިޓީން' ޣައްޒާގެ ވެރިކަމާ ސީދާ ގޮތުން ހަވާލުވުމާ ވެސް އިޒްރޭލު ދެކޮޅު ހަދަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ