މެސީ ޕީއެސްޖީ ދޫކޮށްލާނެކަން އިއުލާން ކޮށްފި

ކުރިން ވެސް ބެލެވުނު ގޮތަށް މި ސީޒަނަށް ފަހު ލިއޮނެލް މެސީ، ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އެޓީމުގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނެފި އެވެ.
އުމުރުން 35 އަހަރުގެ އާޖެންޓީނާ ފޯވާޑް، ޕީއެސްޖީ ދޫކޮށްލާނީ ދެ ސީޒަނަށް ފަހު އެވެ. 2021 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު މެސީ ވަނީ ދެ ސީޒަނުގައި ވެސް ފްރެންޗް ލީގު ކާމިޔާބު ކޮށްފަ އެވެ.
"ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ކޯޗުކޮށްދިނުމުގެ ޝަރަފު އަހަރެންނަށް ލިބުނު. ދެން އޮތީ މެސީ ޕީއެސްޖީގައި ކުޅޭ ފަހު މެޗު. އެއަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލާނެ" ޕީއެސްޖީގެ ކޯޗު ގަލްޓީއޭ ބުންޏެވެ.
ފްރެންޗް ލީގުގައި ޕީއެސްޖީ މި ސީޒަނުގެ ފަހު މެޗު ކުޅޭނީ މާދަމާ ރެ އެވެ. ގަލްޓިއޭ ބުނީ އެ މެޗުގައި ޕީއެސްޖީގެ ސަޕޯޓަރުންގެ ފަރާތުން މެސީ އަށް އިހުތިރާމް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ޕީއެސްޖީގެ ސަޕޯޓަރުން ވަނީ މެސީއާ މެދު ހިތްހަމަ ނުޖެހިގެން އޭނާއާ ބައެއް މެޗުތަކުގައި ދިމާކޮށްފަ އެވެ. ސަޕޯޓަރުންގެ ހިތްހަމަނުޖެހުމާއި ގުޅިގެން މެސީ ހިމެނޭހެން ނޭމާ އާއި މާކޯ ވެރާޓީގެ ގޭ ކައިރީ ސެކިއުރިޓީ ވެސް ބަލަހައްޓަން ޖެހުނެވެ.
މެސީ ގެންދިއުމުގެ ރޭހަށް މިހާރު ވެސް ކްލަބްތައް އަންނަނީ ވަންނަމުންނެވެ. އޭގެތެރޭގައި އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އާއި އެމެރިކާ ލީގުގެ އިންޓަ މިއާމީ ހިމެނެ އެވެ.
ޕީއެސްޖީގައި މެސީ ވަނީ 74 މެޗު ކުޅެ 32 ގޯލު ޖަހައިފަ އެވެ. ފުރަތަމަ ސީޒަނުގައި ގޯލު ރެކޯޑް ދަށްވިޔަސް މި ސީޒަނުގައި މެސީ ވަނީ ހުރިހާ މުބާރާތެއްގައި 21 ގޯލު ޖަހައި 20 ގޯލު ޖަހަން އެހީތެރިވެފަ އެވެ. އެކަމަކު ޕީއެސްޖީ އިން އެންމެ ބޭނުންވާ ޗެމްޕިއަންސް ލީގުގެ ތަށި މެސީގެ އެހީގައި އެ ކްލަބަށް ހޯދޭގޮތެއްނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ