ތިން އަހަރުގެ އަހަރީ އާންމު ޖަލްސާ ވޮލީ އެސޯސިއޭޝަނުން ބާއްވާފައި ނުވޭ: ޔޫތު މިނިސްޓްރީ

ޖެހި ޖެހިގެން ތިން އަހަރުގެ އަހަރީ އާންމު ޖަލްސާ ވޮލީ ބޯޅަ އެސޯސިއޭޝަނުން ބާއްވާފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނެފި އެވެ.
އެމިނިސްޓްރީން އިން މިހެން ބުނެފައި މިވަނީ ގާނޫނު ނަންބަރު 1/2014 މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ވޮލީބޯލް ފެމެލީ އެސޯސިއޭޝަންއިން" ފޯމް މެދުވެރިކޮށް އެ މިނިސްޓްރީއަށް އަށް ފޮނުވި ސިޓީއަކަށް ހާވާލާދީއެވެ.
ޔޫތު މިނިސްޓްރީ އިން ބުނީ 90 ދުވަސްތެރޭގައި ހިންގާ ގަވާއިދު އިސްލާހް ކުރުމަށްފަހު ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ހުށަހެޅުމަށް 2021 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ސިޓީއަކުން ވޮލީބޯޅަ އެސޯސިއޭޝަނަށް އަންގާފައިވީނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ.
އޭގެ ފަހުން މިހާރު 3 އަހަރާ ގާތްވެފައިވީނަމަވެސް އަދި މިހާތަނަށް ވެސް ހިންގާ ގަވާއިދު އިސްލާހް ކުރުމަށްފަހު ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
މީގެއިތުރުން އެމިނިސްޓްރީއިން ބުނީ 2021 އަދި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ވޮލީ ބޯޅަ އެސޭސިއޭޝަނުން ހުށަނާޅާ ކަމަށެވެ. އަދި 2021، 2022 އަދި 2023 ގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާތީ ކަމިޝަނަރ އޮފް ސްޕޯޓްސް އަށް ލިބިގެންވާ ބާރުގެ ދަށުން، އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހާއި ތާރީޚް ލިޔުމުން އެ ކޮމިޝަނަށް އެންގުމަށް ވޮލީބޯޅަ އެސޯސިއޭޝަނަށް އަންގާފައިވާނެ ކަމަށެވެ.
އިސްވެ ފާހަގަ ކުރި ކަންކަން ވޮލީބޯޅަ އެސޯސިއޭޝަނުން ކޮށްފައި ނުވި ނަމަވެސް، ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއިބެހޭ ގަވައިދުގެ 25 ވަނަ މާއްދާގެ (ށ) ގެ ދަށުން އަހަރީ ރިޕޯޓް ކޮންމެ އަހަރަކު މާޗް މަހުގެ 31 އަށް ހުށަނާޅާނަމަ ކުރަންޖެހޭ ޖޫރިމަނާ އެއްވެސް ކްލަބް ޖަމިއްޔާއެއް މިހާތަނަށް ޖޫރިމަނާ ކޮށްފައި ނުވާތީ ވޮލީ ބޯޅަ އެސޯސިއޭޝަން ވެސް ޖޫރިމަނާ ކޮށްފައި ނުވާނެ ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ޔޫތު މިނިސްޓްރީއިން މިހެން ބުނެފައިވާއިރު، ކުޅިވަރު ގާނޫނު ބުނާގޮތުން ކޮންމެ އަހަރަކު ވޮލީ ބޯޅަ އެސޯސިއޭޝަންގެ ބަޖެޓް ފާސްކުރަން ވާނީ އެއެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުންނެވެ. މިއިން އެއްވެސް ކަމެއް ވޮލީބޯޅަ އެސޯސިއޭޝަނުން ކޮށްފައި ނުވި ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރު ވެސް ޔޫތު މިނިސްޓްރީ އިން ވަނީ ކުޅިވަރުގެ ގާނޫނާއި ޚިލާފަށް ވޮލީ ބޯޅަ އެސޯސިއޭޝަނަށް ބަޖެޓް ދޫކޮށްފައެވެ. އަދި އެ އެސޯސިއޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އެ ބަޖެޓު ބޭނުން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ