ޕީޕީއެމްއިން ގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުށަހަޅައިފިއެވެ.
ޕީޕީއެމްއިން ބުނިގޮތުގައި ޕްރައިމަރީއަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރު 2:30 ގެ ނިޔަލަށެވެ. އަދި ޕްރައިމަރީއަށް އެއް ކެންޑިޑޭޓަކަށް ވުރެ ގިނައިން ކުރިމަތި ލާނެ ކަމަށް ބެލެވޭތީ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބޭއްވުމަށްވެސް ތާވަލުކޮށްފައިވާކަމަށްވެސް އެ ޕާޓީން މައުލޫމާތު ދީފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އިންތިޙާބުގެ ވޯޓް ނަގާ ތާރީހު އެ ކޮމިޝަނުން ދިން ނަމަވެސް އިންތިހާބަށް އަދި ގޮވައެއް ނުލައެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ގުޅި އާއި މާފުއްޓެވެ.
ޕީޕީއެމްގެ އިތުރުން ވެރިކަން ކުރާ އެމްޑީޕީންވެސް ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ޕްރައިމަރީއަށް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ