އުމްރާނީ މަޝްރޫއުތަކަށް ކުރި ހޭދަ އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް އުމްރާނީ މަޝްރޫއުތަކަށް ކުރި ހޭދަ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ޖުމްލަ ކެޕިޓަލް ހަރަދަކީ 2.32 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 1.86 ބިލިއަން ރުފިޔާ އެވެ.
ކެޕިޓަލް ހަރަދުގެ ތެރޭގައި ހިމެނޭ، އުމްރާނީ ވަސީލަތްތަކަށް އެކަނި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މި އަހަރުގެ މިހާތަނަށް ހޭދަވެފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 1.65 ބިލިއަން ރުފިޔާގަ އެވެ.
ކެޕިޓަލް ހަރަދާ އެކު، ދައުލަތް ހިންގުމުގެ ހަރަދު ވެސް ވަނީ އިތުރުވެފަ އެވެ. 
މިގޮތުން، އަހަރުގެ މިހާތަނަށް 16.87 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 14.47 ބިލިއަން ރުފިޔާގަ އެވެ.
އޭގެ ތެރެއިން، 6.6 ބިލިއަން ރުފިޔާއަކީ މުސާރަ އާއި ޕެންޝަނަށް ކުރި ހަރަދެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 
ރިކަރަންޓް އަދި ކެޕިޓަލް ހަރަދަށް ޖުމްލަ ހޭދަވި 19.2 ބިލިއަން ރުފިޔާއަކީ، މިދިޔަ އަހަރާ އަޅާބަލާއިރު 17.6 ޕަސެންޓު އިތުރު އަދަދެކެވެ.
ޕީއެސްއައިޕީގެ ހަރަދުތަކުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ސަބްސިޑީތަކަށް ކުރާ ހަރަދު، 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މި އަހަރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން 4 ޖޫން 2025 ގެ ނިޔަލަށް ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރު މި މުއްދަތުގައި 2.3 ބިލިއަން ރުފިޔާ ހަރަދުވެ، އެކަމަށް ކުރި ހޭދަ ވަނީ ގާތްގަނޑަކަށް ދެގުނަވެފަ އެވެ. 
ޓޫރިޒަމުން ލިބުނު މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އަށް އައި ކުރިއެރުމާއެކު، މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.
މި ރިޕޯޓުގައިވާ ގޮތުން، 4 ޖޫން ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 10.1 ޕަސެންޓުގެ އިތުރުވުމެކެވެ.  
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ހިސާކުރާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު މިހާތަނަށް، އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލި، 12.4 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު އެ އަދަދު ވަނީ 6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
މީގެއިތުރުން، އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ