ޢަރަބިއްޔާ މައްސަލައިގައި ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަނީ

އަލްމަދްރަސަތުލް
ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ކިޔަވަންދާ ބައެއް އަންހެން ދަރިވަރުން މޫނު
ބުރުގާ އަޅައިގެން ސްކޫލަށް ދާތީ މޫނު ބުރުގާ ނަގައިގެން ސްކޫލަށް އައުމަށް އެންގި
އެންގުމުގެ ސަބަބުން އެދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ
ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓަށް ހުށައެޅި ހުށައެޅުމަށް ކޯޓުން ކުރި ޙުކުމް، ހައިކޯޓުގައި
އިސްތިއުނާފް ކުރައްވާނެ ކަމަށް މައްސަލައިގައި ދަރިވަރުންނާއި މުދައްރިސުންގެ
ފަރާތުން ވަކާލާތު ކުރައްވާ ރެހެންދި ޗެމްބާސްގެ އިސް ވަކީލާ އަލްއުސްތާޒާ
ޢާއިޝާތު ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
ކޯޓުން މިކަމާއި ގުޅިގެން
ކުރި ޙުކުމާއި ގުޅޭ ގޮތުން ޢާޒިމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ
ޢަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން ނިޤާބް އަޅާ އަންހެން ދަރިވަރުން ސްކޫލަށް
ދިޔުމަށް ކުރިމަތިކުރަމުންދާ ދަތިތަކުގެ މައްސަލައިގައި، ހުށައެޅުނު ވަގުތީ
އަމުރުގެ މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް
ކުރުމަށް ނިންމަވައިފި ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ސިވިލް ކޯޓުގެ ނިންމުން
ދިރާސާކޮށް، އެނިންމުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ކަމުގައި ނުފެންނާތީ
ކަމަށް ޢާޒިމާ ވިދާޅުވެފައިވެއެވެ.
ޢަރަބިއްޔާއަށް މޫނު ބުރުގާ އަޅައިގެން ކިޔަވަންދާ ކުދިންނާއި ބެލެނިވެރިންގެ
ފަރާތުން ކޯޓަށް ހުށައެޅި މިމައްސަލައިގައިވަނީ ޢަރަބިއްޔާއަށް އަންހެން ދަރިވަރުން
މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވަނިކޮށް އެ ކުދިންނަށް އެގޮތަށް ސްކޫލަށް
ހާޒިރު ނުވެވޭނެކަމަށް އަންގާފައިވާކަމަށެވެ. އަދި އެއީ ސްކޫލުގެ ޔުނިފޯމް ކޯޑާއި
ހިލާފުކަމެއްކަމުގައި ބަޔާންކޮށް ލިއުމުން ވެސް އިންޒާރު ދީ ސްކޫލަށް ހާޒިރުވެ
ތައުލީމު އުނގެނުމަށް ހުރަސްތަކާއި ކުރިމަތިކުރުވަމުންދާކަމަށެވެ.
Advertisement
މީގެ
އިތުރުން ނިޤާބް އެޅުމަކީ ނުވަތަ މޫނު ނިވައިކޮށްގެންނޫން ގޮތަކަށް މުޖްތަމަޢަށް
ނުކުތުމަކީ މިހާރު ދިވެހިރާއްޖޭގައި މުޖްތަމަޢުން ޤަބޫލުކޮށްފައިވާ އަދި
ޤާނޫނީގޮތުން ހުއްދަ ހެދުން އެޅުމުގެ އާދައަކަށްވާއިރު، އެހެން ކުދިންނެކޭ
އެއްގޮތަކަށް ސްކޫލަށް ޙާޟިރުވެ ތަޢުލީމްގެ ފުރުޞަތުތައް ލިބިގަތުމުގެ ޙައްޤު
އެކުދިންނަށްވެސް ލިބިގެންވާކަން ފާހަގަކޮށް، މިމައްސަލައިގައި ފައިސަލާ ކުރަނިވި
ޙުކުމެއް ކުރެވެންދެން، ނިޤާބު އަޅައިގެން ދާ ކުދިންނަށް ސްކޫލަށް ޙާޟިރުނުވެވޭނޭ
ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި، މިނިސްޓްރީ އޮފް
އެޑިޔުކޭޝަނަށާއި އަދި ޢަރަބިއްޔާސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް
ވަނީ އެދިފައެވެ. 
މައްސަލައިގައި
ކޯޓުން ނިންމި ނިންމުމުގައި ވަނީ ޢަރަބިއްޔާ ސްކޫލުގެ ޔުނިފޯމް ކޯޑަށް އެއްވެސް
ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އަދި އެތަނުގައި ދަރިވަރުން މޫނު ބުރުގާ އެޅި
ނަމަވެސް ތައުލީމު ފުރިހަމަ ކުރުމުގައި އެއްވެސް ދަތިތަކާއި ކުރިމަތިލާން
ނުޖެހޭނެކަމާއި އެއްވެސް ހައްގަކުން މަހުރޫމްކޮށްފައި ނުވާކަން ހާމަވާކަމަށެވެ.
އެހެންވެ، އެކަމަށް ރިއާޔަތް ކުރުމަށް ފަހު ބެލެނިވެރިން ހުށަހެޅި ގޮތަށް ވަގުތީ
އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.
އަދި
މީގެ އިތުރުން ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހެޅޭނީ ދައުލަތުގެ
އިދާރާއަކުން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ނިންމާފައިވާ ނިންމުމެއްގެ
ސަބަބުން ސިދާ ގޮތެއްގައި އަސަރުކޮށްފައިވާ މީހަކަށް ކަމަށާ، އަދި ކޯޓަށް މައްސަލަ
ހުށަހަޅާއިރު ހައިސިއްޔަތު ވެސް ސާފުވާން ޖެހޭކަމަށް ކޯޓުގެ ނިންމުމުގައި
ވެއެވެ.  
މައްސަލަ
ހުށަހަޅާފައިވާއިރު، އެއީ މޫނު ބުރުގާ އެޅި ކުދިންގެ ފަރާތުންކަމަށް ބުނި ނަމަވެސް
އެ ކުދިންނަކީ ކޮބައިކަމާއި އެ ކުދިން ތައުލީމު ހާސިލު ކުރަނީ ކޮން
ގެރޭޑެއްގައިކަމަށް އެނގޭނެ އެއްވެސް މައުލޫމާތެއް ނެތްކަން ފާހަގަކޮށް ކޯޓުގެ
ނިންމުމުގައި ބުނީ، އެ ސަބަބުތަކަށް ބަލާއިރު މިހާރު މި މަރުހަލާގައި ވަގުތީ
އަމުރަށް އެދޭ ފަރާތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްތު އޮތްކަން ބެލެވެން
ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ