ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރި، ތިން ފަނޑިޔާރެއްގެ ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާކަމަށް ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާއި ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޞަފްޢަތު ޙަބީބުގެ ސުލޫކީ މައްސަލަ އަކާއި، ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދުގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކޮށްފައިވާ ކަމަށެވެ. 
މި ތިން ފަނޑިޔާރުންނާއި ގުޅިގެން ހުށަހެޅުނު މައްސަލަތައް ސާބިތުނުވާކަމަށް 2023 ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 12 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ. 
Advertisement
ތިން ފަނޑިޔާރުންގެ މައްސަލަތައް ސާބިތު ނުވާކަމަށް ޖޭއެސްސީން ނިންމާފައިވާއިރު، މީގެ ކުރިން ޖޭއެސްސީން ބެލި ވަރަށް ގިނަ މައްސަލަތައް ސާބިތުވެ، ފަނޑިޔާރުން ނަށް ފިޔަވަޅު އަޅާފައިވެއެވެ. 
ޖޭއެސްސީން މައްސަލަތައް ތަހުގީގު ކުރާއިރު، ކަންކަން ކުރާގޮތާއި ގުޅޭގޮތުން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު ދާދިފަހުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، މައްސަލަތައް ޖޭއެސްސީން ތަހުގީގު ކުރަމުންދާއިރު ޖެއްސުމަށްވެސް ފަނޑިޔާރުންނާ ސުވާލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގައި މިހާރު އޮތީ އެމްޑީޕީގެ މެޖޯރިޓީއެކެވެ. އެ ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވެސް އިންނަވައެވެ. ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އިބްރާހީމް ރިފްއަތު ވެސް އިންނަވައެވެ. އަދި ރައީސް ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ