ގޯހެއް ނަހަދާނަމަ ސިޓީ އާއްމު ނުކުރަންވީ ސަބަބެއް ނެތް: މެމްބަރު އުޝާމް

ގޯހެއް ނުހަދާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާއްމު ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމާއި ދެކޮޅަށް ވަކާލާތުކުރުމަށް ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާފައިވާ އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ހޯއްދެވުމަށް ކިހާވަރެއްގެ މަސައްކަތްތަކެއް ކުރެވިފައިވޭތޯ ނޫސްވެރިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށްގެންވެސް ސިޓީ ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
ގޯސްތަކެއް ނުހަދާނަމަ ސަރުކާރުން އެހާވަރަށް ސިޓީ ސިއްރުކުރަންޖެހޭނެ އެއްވެސް ސަބަބެއް ނުފެންނަކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
އަދި ކަމުގެ މައުލޫމާތު އޮޅޭ ގޮތައް ވާހަކަ ފެތުރެމުންދާތީ އުޝާމް ވިދާޅުވީ މައްސަލައަކީ ކުރިން ރާއްޖޭގެ އަތުގައި އޮތް ދިވެހި މަސްކަނޑުގެ 200 އަކަ ކިލޯ މީޓަރު ގެއްލުވާލުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެބޭފުޅުން ދައްކަނީ ރަނގަޅު ވާހަކަކަން ގަބޫލުކުރާ މެމްބަރުން އެމްޑީޕީގެ ތެރޭގައިވެސް އެބަތިބިކަން އުޝާމް ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހް މޮރިޝަސް އަށް ފޮނުއްވި ސިޓީ ހާމަކުރުމަށް މަޖިލީހުގެ ގަވާއިދުގެ 170ވަނަ މާއްދާގެ ދަށުން މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދުގެ ޖަލްސާގައިވަނީ ބޭރުކޮށްލާފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ