ކުއްލިގޮތަކަށް މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކޮށްފި

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، އެގޮނޑި ފުރުއްވަމުންގެންދަވާ މެމްބަރު އަލީ ހަމީދު ކުއްލި ގޮތަކަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާޒިރުގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްދޫ ދާއިރާގެ މެމްބަރު ސޮއިކުރެއްވުމާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދުވަނީ 67 އަށް އަރާފައެވެ. މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސްވަނީ މިފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތުމުން، މިވަގުތު ޖޭޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބަވާނީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، މާމިގިލީ ދާއިރާގެ މެމްބަރު އޮނަރަބަލް ޤާސިމް އިބްރާޙީމާއި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެކަންޏެވެ.
ޖުމްހޫރީ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމުމާއެކު އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން އަންނަނީ ޕާޓީ ދޫކުރައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.
ޕާޓީގެ ސްލޮޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވެފައިވާއިރު މިފަދަ ނިންމުމެއް އެންމެފުރަތަމަ ނިންމާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރ ސަމީރުއެވެ. ރިޔާސީ އިންތިޚާބުގައި ޖޭޕީން އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލުން ނިންމި ދުވަހު، ކައުންސިލް ބައްދަލުވުމުގެ ތެރެއިން ސަމީރު ވަނީ ޕާޓީން ވަކިވާން ނިންމިކަން އިއުލާނުކުރައްވާފައެވެ.
އޭގެފަހުން،، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު (ހަނަފީ) އާއި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ހަސަންގެ އިތުރުން، ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ފަދަ ބޭފުޅުންވަނީ ޖޭޕީ ދޫކުރައްވާ ރައީސް ސޯލިހްގެ ފަހަތްޕުަޅަށް އަރުއްވާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު އަބްދުﷲ މައުސޫމްވެސްވަނީ ރައީސް ސޯލިހަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވައިފައެވެ. އެކަމަކު އެމަނިކުފާނު އަދި ޖޭޕީން ވަކިވެވަޑައިގެންފައިވާކަން އިއުލާނުކުރައްވާފައެއް ނުވެއެވެ.
މިހުރިހާ ބޭފުޅުން ވެސް ޖޭޕީން ވަކިވެވަޑައިގަތީ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް އިންތިޚާބުކުރުމަށް ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޕާޓީ އިސްވެއޮވެ ކޯލިޝަން ހެދުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާއިރު، ޖޭޕީގެ ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ހާލު، ޖޭޕީގައި ހުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ވެސް އެބޭފުޅުން ޕާޓީން ވަކިވެވަޑައިގަތްއިރު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި އިލްހާމް އަހްމަދު ވިދާޅުވީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން ޕާޓީން ވަކިވެ، ސަރުކާރާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް އަޑުއިވެމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ޕާޓީން މާބޮޑަށް ހާސްވާކަމެއް ނޫންކަމަށާއި، އެކަމަށް މާބޮޑު ފަރުވާލެއްނެތް ކަމަށެވެ.
އެފަދަ ނިންމުމެއް ނިންމުމުގެ އިހްތިޔާރު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށާއި، އެކަމާ ގުޅިގެން އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް އެ ޕާޓީގެ އެއްވެސް މެމްބަރަކު އެއްޗެއް ނުބުނާނެ ކަމަށާއި، ޕާޓީން ވަކިވާ ބޭފުޅުން ވެސް، ވަގުތު ޖެހޭއިރު އެނބުރި ޕާޓީއަށް އައިސް، ޖޭޕީގެ ޓީމު ރުކުރުވާލާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ