ގާސިމް އިބްރާޙިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ތިން އިސްލާހުވެސް އެޖެންޑާކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ތިން އިސްލާހުވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިއަދުގެ މަޖިލީސް ފައްޓަވައިދެއްވާ މަޖިލީހަށް ތައާރަފްކުރާ ބިލްތަކުގެ ތަފްސީލް ހިއްސާކުރައްވާ ރައީސް ނަޝީދު ވަނީ ގާސިމް އިބްރާޙިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ތިން އިސްލާހުވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާކަން ހާމަކުރައްވާފައެވެ.
ގާސިމް ވަނީ އިސްލާމް ދީނާ ޚިލާފު ޢަމަލެއް ހިންގައިފި ނަމަ 15 އަހަރަށް ޖަލަށް ލެވޭ ގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތަށް، އިސްލާހު ހުށަހަޅުއްވާފައެވެ.
މި އިސްލާހުގައި ވަނީ ރާއްޖޭގެ ޤާނުލް އުގޫބާތަށް ގެނެވުނު 5 ވަނަ އިސްލާޙުގައި ޤާނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ރ)ގެ (4) ވަނަ ނަމްބަރުގެ ފަހަތަށް (5) އަދި (6) އިތުރު ކުރެވިގެންދިޔަ އިރު، މި ކުށުގެ އަދަބުގެ ގޮތުގައި ބަޔާން ކޮށްފައިވާ މިންވަރަށް ބަދަލު ގެނެސްފައި ނުވާ ކަމަށެވެ.
އަދި މި އިސްލާހަކީ އިސްލާމްދީނަށް ތަޢުހީނު ކުރުމާއި، މާތް ﷲ އާއި، ކީރިތި ޤުރުއާނަށް އަދި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރުން ދިވެހިންގެ ތެރޭގައި އާންމު ވަމުން ދިއުމާއި، އަދި ޚާއްސަކޮށް މުވާސަލާތީ އަދި އިޖުތިމާޢީ ވަސީލަތްތައް މެދުވެރިކޮށް މިފަދަ ކުށްތަކަށް އަރައިގަތުން އިތުރުވަމުން އަންނާތީ ހުށަހެޅި އިސްލާހެކެވެ.
މިހާރު ޤާނުލް އުގޫބާތު އޮތްގޮތުން މިފަދަ ކުށްތަކަކީ ޖުނަހުގެ 1 ވަަނަ ދަރަޖައިގެ ކުށެކެވެ. އެދަރަޖައިގެ ކުށަކަށް ދެވޭ އެއްމެ ބޮޑު އަދަބެއް ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާން ކޮށްފައިވަނީ 1 އަހަރުގެ ޖަލު ހުކުމެކެވެ.
މި އިސްލާހު ހުށަހެޅީ ޤާނޫނުލް އުގޫބާތަށް އެންމެފަހުން ގެނައި އިސްލާހާއެކު އަދަބު އިތުރުކޮށްފައި ނުވާތީ ކަމަށް ޤާސިމް ބަޔާންކުރައްވާފައި ވެއެވެ.
ޤާސިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެފަދަ ކުށްތަކަކީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށްތަށް ކަމުގައި ޤާނުނުލް އުގޫބާތުގައި ކަނޑައެޅުމަށެވެ. އެފަދަ މައްސަލައެއް ސާބިތު ވެއްޖެނަމަ 15 އަހަރަށް ޖަލަށް ލެވޭނެއެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ މެމްބަރުންގެ ޖުމުލަ އަދަދެއް ކަނޑައަޅައި އެ އަދަދު ޤާނޫނުގައި ބަޔާންކުރަން އިސްލާޙެއްވެސް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.
މެމްބަރު ޤާސިމް ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރަން ޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ލިޔެފައި ބޭއްވުމަށެވެ. ޤާސިމް އިސްލާހު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ.
މީގެ އިތުރުން ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އިޖްރާއާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް އިސްލާހެއް ގާސިމް ވަނީ ހުށަހަޅުއްވާފައެވެ.
މި އިސްލާހު ހުށަހަޅުއްވަން ނިންމެވީ، އިސްލާމްދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ހުތުރު ފާހިޝް އަމަލުތައް ކަމުގައިވާ ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނެން ޖެހޭ ކަންތައްތަކެއްކަމަށް އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
މިއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑަނާޅާނަމަ، އެއްޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއްކަމަށް ދެކި، އެފަދަ ފަރާތްތައް ތަހުގީގީ މަރުހަލާތައް ނިމުމުން، ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ، ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިންވެސް، އެފަދަ އަމަލު އެހެންފަރާތްތަކާއިއެކު ކުރުމުގެ ފުރުސަތު އޮންނާނެކަން ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށާއި، އެފަދަ މީހެއްގެ ފަރާތުން އެކަމުގެ އަސަރު ނުވަތަ އެފަދަ މީހެއްގެ ވަސްވާސް، އެމީހާގެ އާއިލާއަށާއި މުޅި މުޖުތަމައުއަށްވެސް ފޯރާނެކަމުން، އޭގެކުރިން އެފަދަ މީހުން މުޖުތަމައުއިން އެކަހެރި ކުރުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގަންނަވާކަން ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ