ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އައްޑޫ ހަންކެޑެ ތަރައްގީކުރުމަށް ހާއްސަކޮށްގެން ސަރުކާރުގެ އާ ކުންފުންޏެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" (އޭއެޗްޑީސީ)ގެ ނަމުގައި އުފެއްދެވި މި ކުންފުންޏަކީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ގޮތަށް އުފެއްދެވި ކުންފުންޏެއްކަމަށެވެ.
މި ކުންފުނި އުފެއްދެވިކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ނަންބަރު 12/2026 ގެ ރިޔާސީ ގަރާރުންނެވެ.
ރައީސް އޮފީހުން ބުނީ މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ނުވަތަ އެކި ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިމެނޭހެން ތަރައްގީކުރާ މޮޑެލަކަށް އައްޑުއަތޮޅު ހަންކެޑެ ތަރައްގީކުރުމަށް ކަމަށެވެ.
މީގެއިތުރުން އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ފުޅާކޮށް ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ވެސް މި މަޝްރޫއުގެ އަމާޒެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ވިޔަފާރިތަކާއި އާންމުންގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫއާ ދެމެދު އޮންނަ ހަންކެޑެ އަކީ މީގެ ކުރިންވެސް ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން ތަރައްޤީކުރަން އެކި ފަހަރުމަތިން މަސައްކަތް ކުރެވިފައިވާ ރަށެކެވެ. ހަންކެޑެ މަޝްރޫއުގެ ދަށުން އެކި ފަންތީގެ ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ވިޔަފާރި ބަނދަރަކާއި، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭ ސަރަހައްދުތައް ތަރައްގީކުރަން ވަނީ ނިންމާފައެވެ.
އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އާ ކުންފުންޏެއް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ