ސްކޫލް ދަރިވަރުން ޕޯޓު ދާއިރާއަށް ޝައުގުވެރިކުރުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

އެމް.ޕީ.އެލްއިން ޕޯޓު ޚިދުމަތުގެ ދާއިރާއަށް ސްކޫލް ދަރިވަރުން ޝައުގުވެރިކުރުމަށް "ޕޯޓް އޯޕަން ޑޭ"އެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ހަރަކާތް ބޭއްވުމުގެ މަގްސަދަކީ ޕޯޓުގެ ހިންގުމުގެ ދާއިރާގެ ކަންކަން ކިޔައިދީ، މި ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ޝައުގުވެރިކަން އުފެއްދުމަށްކަަމަށް އެމްޕީއެލް އިން ބުނެއެވެ.
މި އޯޕަން ޑޭގައި، މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ދައްކާލުމަށް ޓުއަރއެއް ބޭއްވުމާއި، ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތްތައް ދައްކާލުމަށް ސެކިއުރިޓީ ޑްރިލްއެއް ބޭއްވުމުގެ އިތުރުން ޕޯޓުގައި ބޭނުންކުރާ ވަސީލަތްތަކާއި ގުޅޭ މަޢުލޫމާތު ހޯދާ ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުންވެސް ހިމެނޭކަމަށް އެމްޕީއެލް އިން މައުލޫމާތުދެއެވެ. ޕޯޓުގެ މަސައްކަތްތަކުގެ ދާއިރާއިން ހުރި ތަޢުލީމީ ފުރުޞަތުތައް ދަރިވަރުންނަށް ކިޔައިދީ، މަޢުލޫމާތު ދިނުމުގެ ސެޝަންތައްވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ޕޯޓް އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ. ދެ ދަންފަޅިއަކަށް ހަރަކާތްތައް ކުރިއަށްގެންދާއިރު، ހެނދުނު ދަންފަޅި ކުރިއަށްދާނީ 08:30 އިން 12:45 އަށެވެ. އަދި މެންދުރު ދަންފަޅި ކުރިއަށްދާނީ 12:00 އިން 16:15 އަށެވެ.
ކޮންމެ ދަންފަޅިއެއްގައި 80 ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދޭއިރު އަންހެން އަދި ފިރިހެން ކުދިންނަށް ވެސް ބައިވެރިވެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ދަރިވަރުންނަށް މި އޯޕަން ޑޭގައި ބައިވެރިވެވޭއިރު ރެޖިސްޓަރވުމުގެ ފުރުޞަތު މިހާރު ވަނީ އެ ކުންފުނިން ހުޅުވާލާފައެވެ. ރެޖިސްޓަރވުމަށް، ސޯޝަލް މީޑިއާގައި ހިމަނާފައިވާ ޕޯސްޓަރުތަކުގައިވާ ކިއުއާރް ކޯޑް ސްކޭންކުރުމުން ރެޖިސްޓްރީ ފޯމް ފެންނާނެކަމަށް އެމްޕީއެލްއިްނ ބުނެއެވެ.
މި އޯޕަން ޑޭގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން، ގުރުއަތުން ހޮވޭ 3 ދަރިވަރަކަށް ލެޕްޓޮޕެއް ހަދިޔާއެއްގެ ގޮތުގައި ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ