މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސް

މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސް ވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެދިއްޖެއެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު "ވީނިއުސްއާ" ހިއްސާކުރަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގެ މިސްރާބު ހުންނާނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 35 މޭލަށް އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ދެކުނުގެ އަތޮޅުތަކަށް ވައިގެ މިސްރާބު ހުރީ އިރު ދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރާއިރު، ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ށ އަތޮޅުންފެށިގެން ލ އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހޭނެތީ އެ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ގެއްލުންލިބޭކަމުގެ ރިޕޯޓްތައް ފާއިތު 24 ގަޑިއިރުވެސް ވަނީ ލިބެފައެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ