ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވަން: އީވާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވިގެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުގައި ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވެސް ސަލާމް ފޮނުއްވައިފި އެވެ.މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ކޮންމެ ދުވަހެއްގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނަވާތީ މިޖަލްސާ ބޭއްވޭ ގޮތެއް ވަނީ ނުވެފައެވެ. އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ، މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައްވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.އީވާ ސަލާމުގައި ހުންނެވުމުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީން ސުޕްރީމް ކޯޓަށްވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އަދި އެކޯޓުންވަނީ އެމައްސަލަ ބަލައިގަނެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފައެވެ. އެ މައްސަލައަށް ދަ ޑިމޮކްރެޓްސް އަދި ޕީޕީއެމުން ވަނީ ތަދައްހުލްވެފަ އެވެ.މިއަދު އީވާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޯޓުން މައްސަލަ ނިންމުނުގެ ކުރިން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ގެންދިޔުމަކީ މަޖިލީހުން އެއްވެސް އިރަކު އަމަލު ކުރަމުން އައި ގޮތެއް ނޫން ކަމަށެވެ. މަޖިލީހުން ވަކި ގޮތެއް ހިޔާރު ކޮށްގެން ކުރިއަށް ދިއުމަކީ ކޯޓުގައި އޮތް މައްސަލައަށް ނުފޫޒެއް ވަދެދާނެ ކަމެއް ކަމަށް ބަޔާން ކުރައްވާފައި ވެސް ވެއެވެ.އަދި، ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ތަދައްހުލު ވަމުން ދާއިރު ޕާޓީތަކުން ވެސް ބަލަނީ އެކަމުގައި ކޯޓުން ނިންމާނެ ގޮތަކަށް ކަމަށާއި، ކޯޓުން ވަކި ގޮތެއް ނުނިންމަނީސް މަޖިލީހުގައި މައްސަލަ ކުރިއަށް ގެންގޮސްފި ނަމަ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހުތިރާމް ކުޑަވާނޭ ކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ."... ވީމާ ސުޕްރިމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީިހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ." އީވާގެ ސިޓީގައި ބަޔާން ކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ