ސަރަހައްދީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އެއްބާރުލުންދޭނެ: މިނިސްޓަރ ޒަމީރު

ސަރަހައްދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް ތަނުގައި ރާއްޖެއިން އެއްބާރުލުންދޭނެ ކަމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ދެކުނު އޭޝިޔާގެ ގައުމުތައް ތަމްސީލު ކުރާ ޖަމްއިއްޔާ, ސާކްގެ ޗާޓަރު އެކުލަވައިލިތާ 39 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވަޒީރު ވިދާޅުވީ، ސަރަހައްދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރަންޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން އެކަމަށް އެއްބާރުލުންދޭނެ ކަމަށެވެ. 
39 ވަނަ ސާކް ޗާޓަރު ދުވަހުގެ މުނާސަބަތުގައި ސެކްރެޓަރީ ޖެނެރަލަށާއި ސެކްރެޓޭރިއަޓާއި މި ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވަން
މޫސާ ޒަމީރު 
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސާކް ޗާޓަރަކީ މި ސަރަހައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ގޮންޖެހުންތަކުން އަރައިގަތުމަށް މެންބަރުން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލާފައިވާ ޗާޓަރެއް ކަމަށެވެ.
އެގޮތުން ރާއްޖެއަކީ މި ސަރަހައްދީ އަމާޒަށް މަސައްކަތްކުރާ ގައުމެއްކަމަށާއި ގައުމުގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަމުން ގެންދާނެކަމުގައި  ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ޚާއްސަ ދުވަހުގައި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށް މިހާރަށްވުރެ ބޮޑަށް ގުޅިލާމެހިފައިވާ، ހަރުދަނާ ދެކުނު އޭޝިއާއެއް ބިނާކުރުމަށް ކުރާ މަސައްކަތް އާކުރަންޖެހޭ
މޫސާ ޒަމީރު 
ސާކުގައި ހިމެނެނީ ރާއްޖޭގެ އިތުރުން އިންޑިއާއާއި ޕާކިސްތާނާއި ބަންގްލަދޭޝާއި ނޭޕާލާއި ބޫޓާނާއި އަފްޣާނިސްތާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ