އަސްކަރީ އެއްބަސްވުންތައް އިސްލާހުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިޔަސް އެ މަސައްކަތް ނުނިމޭ ކަމަށް ގައްސާން ވިދާޅުވެއްޖެ އަސްކަރީ އެއްބަސްވުންތައް އިސްލާހުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިޔަސް އެ މަސައްކަތް ނުނިމޭ ކަމަށް ގައްސާން ވިދާޅުވެއްޖެ

އެހެން ގައުމުތަކާ އެކު ރާއްޖެއިން ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާންޖެހޭ ހުރިހާ ކަމެއް އިސްލާހު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖެއިން އެހެން ގައުމުތަކާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ މައުލޫމާތު އާންމު ނުކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން، ގައްސާން ވިދާޅުވީ އެހެން ގައުމުތަކާއެކު ވެފައި ހުރި އަސްކަރީ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
"އެ އެއްބަސްވުންތައް ދެންމެ އިއްޒަތްތެރި މެންބަރު ތިޔަ އިޝާރާތް ކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގެ މަތިން ދެ ގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލު ކުރެވި، އަދިވެސް ކުރެވެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ގައްސާން ވިދާޅުވީ 1965 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް ޑިފެންސް މިނިސްޓްރީން ޒިންމާ ވާންޖެހޭ އޮތީ ހަތަރު އެއްބަސްވުން ކަމަށެވެ.
އެ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާންޖެހޭ ކަންކަން ހައްލު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ގައްސާން ވިދާޅުވިއިރު، މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކަންބޮޑުވުން އޮތް އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި ދެން ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަން އިސްލާހުކުރަން މަޝްވަރާކޮށް ހައްލު ހޯދިފައިވާ ކަމަށް ވެސް ރައީސް އެދުވަހު ވިދާޅުވި އެވެ.
"މިހާރަކު ނެތޭ ކަންބޮޑުވާންޖެހޭ ކަމެއް. އެކަމަކު އިސްލާހު ގެނެވިފަ އޮތް އެއްބަސްވުން ވިޔަސް ހާމަކުރުމުގަ މި ކޮންފިޑެންޝިއަލިޓީ ކްލޯސް އިންނާތީ ބައިލެޓެރަލް ޑިސްކަޝަންސްތަކެއް އެބަ ކުރިއަށް ދެޔޭ. އެކަންކަން ހިއްސާކުރުމުގަ،" ރައީސް ވިދާޅުވި އެވެ.
އިސްލާހުކުރީ ކޮން ކަންކަމެއްތޯ، ކޮން އެއްބަސްވުންތަކެއްތޯ ސުވާލު ކުރުމުން ރައީސް ވަނީ އެ ތަފުސީލުތައް ހާމަކުރެވެން ނެތް ކަމާށް ވިދާޅުވެފަ އެވެ. އެ ތަފުސީލުތައް ސިއްރުކުރަން ލަފާދިނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގައްސާން ވެސް ވިދާޅުވީ އަސްކަރީ އެއްބަސްުވުންތަކުގައި ހުރި މައުލޫމާތު އާންމު ނުކުރަނީ މައުލޫމާތުތައް ސިއްރު ކުރަން މަޖުބޫރުވާ ގޮތަށް މާއްދާތަކެއް އެއްބަސްވުންތަކުގައި ހިމަނާފައި ވާތީ ކަމަށެވެ.
ނަމަވެސް ޕީއެންސީން އިދިކޮޅުގައި އޮވެ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ މިދިޔަ ސަރުކާރުތަކުން، ބޭރު ގައުމުތަކާއެކު، ހާއްސަކޮށް އަވަށްޓެރި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށްވެސް ރައީސް މުއިއްޒު އަދި ޕީއެންސީގެ އިސް އޮފިޝަލުން މީގެ ކުރިން އެކި ޖަލްސާތަކާއި ހިނގާލުންތަކުގައި ބުނެފައިވެ އެވެ.
އެގޮތުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން މި ސަރުކާރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަންވެސް ފެށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ