ސުޕްރީމް ކޯޓުން ވެސް ނަޒާހާގެ ހުކުމް ދަމަހައްޓައިފި

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި ހ. ބައިކެނޑިގޭ، މަރިޔަމް ނަޒާހާގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފިއެވެ. ނަޒާހާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު، ޖޫން 22، 2010 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެހާކަންހާއިރު މަރުވީ، ނަޒާހާ އޭނާގެ ބުރަކަށްޓަށް ވަޅިހެރުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ. އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ޝާހިދުގެ ބުރަކަށްޓަށް ނަޒާހާ ވަޅިއެއް ހަރާލިކަމާއި އެ ވަޅި ހަރާލުމުގެ ސަބަބުން ހަމަ އެ ދުވަހުގެ ވަގުތެއްގައި ޝާހިދު ނިޔާވެފައިވާކަމާމެދު ނަޒާހާ އިންކާރުކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ގިސާސް ހިފަން ބޭނުންނުވާ ޝާހިދުގެ ވާރިސުންގެ ތެރެއިން، އެންމެ މީހަކު ފިޔަވައި އެންމެން ވަނީ ބުނެފައެވެ. އެހެންވެ، އޭނާގެ މައްޗަށް ކުރީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމްކުރީ މެއި 31، 2015ގައެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ޖުލައި 5، 2021ގައެވެ. ނަޒާހާ އޭނާގެ ދިފާއުގައި ޝަރީއަތުގައި ތަކުރާރުކޮށް ބުނެފައިވަނީ، އޭނާ ޝާހިދު މެރީ ގަސްތުގައި ނޫން ކަމަށާއި އެ ހާދިސާ ހިނގީ، އެތައް ޒަމާނެއް ވަންދެން އޭނާއަށް ކޮށްފައިވާ އަނިޔާގެ ސަބަބުން ވިސްނުން ނުކިއްސަރު ވެފައިހުރި ވަގުތެއްގައި ކަމަށެވެ. އެ މައްސަލައިގައި އިސްތިއުނާފުގެ ފަސް ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި: ކްރިމިނަލް ކޯޓާއި ހައިކޯޓުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމާފައިވަނީ ދިފާއުތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ނުކޮށް ކަމަށް ހައިކޯޓުގެ ހުކުމުގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، އުމުރަށް ޖަލަށް ލުމުގެ އަދަބަށް ލުއިދެވޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، އެއަށް އަމަލުކޮށްފައި ނުވުން ތަހުގީގުގައި ނަގައިފައިވާ ބަޔާންތަކުގައި ފުށޫއެރުންތައް ހުރިއިރު، އެ ހެކިން ޝަރީއަތަށް ހާޒިރުނުކުރާ ކަމަށް. ނަމަވެސް ފުލުހުންގެ ތަހުގީގުގައި ދެއްކި ވާހަކަތަަކަކީ އިއުތިރާފުވުން ކަމަށް ބެލުން ނަޒާހާއަކީ ޝާހިދުގެ ފަރާތުން ތަކުރާރުކޮށް، ދިގު މުއްދަތަށް އަނިޔާ ލިބެމުން ދިޔަ މީހެއް ކަމަށްވާއިރު، އޭނަގެ ނަފުސާނީ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރުން އެ ހާދިސާ ހިނގީ 2010 ވަނަ އަހަރު ކަމަށްވެފައި ހައިކޯޓުން 2015ގައި މައްސަލަ ނިންމިއިރު، އޭރު އާ ގާނޫނުލްއުގޫބާތެއް އެކުލަވައިލައިފައި އޮތްއިރު، އެ ގާނޫނުލްއުގޫބާތުގެ ދަށުން ލިބެން ޖެހޭ ލުއި ލިބިދީފައި ނުވުން އެ ނުކުތާތަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދީފައިވާ ރައްދުތަކަކީ، އަމިއްލަ ނަފުސުގެ ދިފާއުގައި މީހަކު މެރުމަކީ ދިފާއެއް ނޫން ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަނިޔާގެ ސަބަބުން ނަފުސާނީ ހާލަތަށް އަސަރުކޮށް 'ބެޓާޑް ވައިފް ސިންޑްރޯމް'ގެ ހާލަތު ދިމާވެފައިވާ ކަމަށް ދިފާއުން ބުނާއިރު، ކަމާ ގުޅޭ ހަބީރުން މެދުވެރިކޮށް ރިޕޯޓެއް ހުށަހަޅައިފައިނުވާ ކަމަށް ވެސް ޕީޖީން ފާހަގަކުރިއެވެ. މީގެ އިތުރުން އެ މައްސަލައިގެ ތަހުގީގުގައިއާއި ކްރިމިނަލް ކޯޓުގައި އާއި ހައިކޯޓުގައި ވެސް ނަޒާހާ މާއްދީ ރުކުނަށް އިއުތިރާފުވެ ކުށްކުރި ގޮތް ތަފުސީލުކޮށް ކިޔައިދިން ކަމަށާއި، ހެކިންގެ ހެކިބަހުގައި ފުށޫއެރުން ހުރި ކަމަށް ނަޒާހާގެ ފަރާތުން ބުނި ނަމަވެސް ޖައުހަރީ ގޮތުން ފުށޫއެރުމެއް ނެތް ކަމަށްވުމުން، ދައުވާ ސާބިތުކުުރުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް ޕީޖީން ފާހަގަކުރިއެވެ. އެ މައްސަލައިގައި ދެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިއާޔަތް ކުރައްވައި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ފާހަގަކުރެއްވީ ގާނޫނުލްއުގޫބާތުގައި އަމިއްލަ ނަފުސުގެ ދިފާއު ނެގޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކެވެ. އެގޮތުން މީހަކު މަރުވެދާފަދަ ނުވަތަ ޖިސްމާނީ ބޮޑު އަނިޔާއެއް ލިބިދާ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުން ހުއްދަ ވެގެންވަނީ: މީހަކު މަރުވެދާނެ ކަމުގެ ނުރައްކާ ކުރިމަތިވާ ހިނދު ބޮޑެތި ޖިސްމާނީ އަނިޔާ ފޯރުކޮށްފާނެ ކަމުގެ ނުރައްކާ ކުރިމަތިވާހިނދު ރޭޕް ކޮށްފާނެ ކަމުގެ ނުރައްކާ ކުރިމަތިވާހިނދު އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވަނީ، އެފަދަ ހާލަތްތަކަކީ ދިފާއުގައި އަނިޔާ ދިނުން ނޫން އިތުރު ގޮތެއް ނެތް ހާލަތްތަކަށް ވާން ޖެހޭނެކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް މި މައްސަލައަށް ބަލާއިރު، ނަޒާހާއާއި ޝާހިދާ ދެމެދު ކުރިމަތިލުމެއް ހިނގައިފައިނުވާ ކަމަށާއި ނަޒާހާ ވަޅިން ހަމަލާދިނީ، ޝާހިދު އެއްޗެއް ނަގަން ގުދުވި ވަގުތު ފުރަގަހުން ކަމަށް އެ މަނިކުފާނުގެ ރައުޔުގައިވެއެވެ. އެެހެންވެ، އެއީ އޭނާގެ ފުރާނަ ސަލާމަތް ކުރެވެން އޮތް ހަމައެކަނި ކަންތައް ކަމަށް ނުވަތަ އޭނާގެ ނަފުސު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ދަލާލަތު ކޮށްދޭ އެއްވެސް ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެ މައްސަލައިގައި އެ މަނިކުފާނުގެ ރައުޔުގައި ވަނީ، ނަޒާހާގެ ދިފާއު ބަލައިގަނެވެން ނެތް ކަމަށާއި ހުކުމަށް ލުއި ދެވެން ނެތް ކަމުން ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައިވަނީ، ދިފާއުން ހުށަހަޅައިފައިވާ ބެޓާޑް ވުމަން ސިންޑްރޯމްގެ ދިފާއާ ގުޅޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަދައްކަވައިފައެވެ. އެގޮތުން ކުރިއަރާފައިވާ މުޖުތަމައުތަކުގައި މަރުގެ މައްސަލަތަކުގައި ބެޓާޑް ވުމަން ސިންޑްރޯމް ދިފާއަކަށް ބޭނުންކުރި ނަމަވެސް އެއީ އޭގެ ޒާތުގައި ދިފާއެއް ނޫންކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެ ހާލަތު ދިމާވެފައިވާ މީހުން ނުރައްކާ ތަސައްވަރު ކުރާ ގޮތް ތަފާތު ވާނެ ކަމަށާއި އެގޮތުން އަނިޔާކުރާ ވަގުތު ރައްދު ހަމަލާއެއް ނުދިން ނަމަވެސް، އެހެން ވަގުތެއްގައި ނަފުސުގެ ދިފާއުގައި އަމަލު ކޮށްފާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަޒާހާގެ މައްސަލައަށް ބަލާއިރު، 2008ގެ ޖަނަވަރީގައި ދެ މީހުން ވަރިވި ނަމަވެސް އޭގެ ފަހުން ވެސް އެތައް ފަހަރަކު އަނިޔާ ލިބިފައިވާކަން އޭނާ ފާހަގަކޮށްފައިވާކަން ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައިވެއެވެ. ނަމަވެސް ބެޓާޑް ވުމަން ސިންޑްރޯމްއަކީ ހަމައެކަނި ބުނާ ބުނުކަމުން ސާބިތުވާނޭ ކަމެއް ނޫން ކަމާއި، އެކަމަށް ސައިކޮލޮޖިސްޓުންނާއި ސައިކްރޭޓްރިސްޓުންގެ ބަސް ވެސް ބޭނުންވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެ ދިފާއު ސާބިތުކޮށްދިނުމަށް ޚަބީރުންގެ ހެއްކެއް އެއްވެސް މަރުހަލާއެއްގައި ހުށަހަޅާފައި ނުވާތީ، އެ ދިފާއު ސާބިތުކޮށްދެވިފައި ނުވާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވެސް ނިންމެވިއެވެ. ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި ވަނީ، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމުން ދެ ކަމެއް ފާހަގަވާ ކަމަށެވެ. އެއީ ޝާހިދު މަރާލުމުގެ ނިޔަތެއް ނަޒާހާގެ ފަރާތުން ތަކުރާރުކޮށް ބުނި ނަމަވެސް އަމަލު ހިންގީ އޭނާކަން އޭނާގެ އިއުތިރާފުން އެނގެން އޮތުމާއި ހާދިސާ ހިނގި ވަގުތު ޝާހިދުގެ ފަރާތުން ނަޒާހާއަށް އަނިޔާކުރުމުގެ ގޮތުން ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުގެ އިތުރުން އޭނާ ބޭނުންކުރީ ވަޅިއެއް ކަމަށްވާއިރާއި ވަޅި ހެރީ ފުރަގަހުން ކަމަށްވާތީ، އެ އަމަލު ހިންގައިފައިވަނީ ގަސްތުގައި ކަމަށް ބަލައިގެންފައިވާ ކަމަށެވެ. އެ ހާދިސާ ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން، ނަޒާހާގެ ބަސް ފިޔަވައި އެއްވެސް ހެއްކަކުން ސީދާ ކަން ހިނގާފައިވާ ގޮތް ސާފުވާ ފަދަ މައުލޫމާތެއް ނުލިބޭ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. އަދި ނަޒާހާގެ އަމަލަކީ ނިޔަތެއް ނެތި ކުރި ކަމެއް ބުނަމުން ދިޔަ ބުނުން ނަފީކުރުމަށް ދައުލަތުގެ ފަރާތުން ނަޒާހާ ފުލުހުންނަށް ދީފައިވާ ބަޔާނަށް ހަވާލާދީ އޭނާ ގަސްތު އޮތް ކަމަށް ބުނުމުގެ އިތުރަށް އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށް އެކަމަނާގެ ރައުޔުގައިވެއެވެ. ފަނޑިޔާރު ޝުޖޫން ނިންމެވި ކަންތައްތަކުގެ ތެރޭގައި، ހާދިސާ ހިނގި ދުވަހު އޭނާ އެ ގެޔަށް ދިޔައީ ހުއްދައެއް ނެތި ކަމާއި، ޝަރީއަތަށް ހުށަހަޅައިފައިވާ ލިޔެކިޔުންތަކުންނާއި ބަޔާންތަކުން އޭނާއަކީ ގެވެށި އަނިޔާ ލިބެމުންދިޔަ މީހެއްކަން ސާފުވާ ކަމަށާއި އެކަމަށް ދައުލަތުގެ ފަރާތުން ވެސް އިންކާރު ނުކުރާ ކަމަށެވެ. "އަދި ހާދިސާ ހިނގި ދުވަހުގެ ކުރިން ބަޔަކު ގޮވައިގެން، މަރިޔަމް ނަޒާހާ ގޭންގް ރޭޕް ކުރަން އަންނާނެ ކަމަށް ބުނެ ހަސަން ޝާހިދު މަރިޔަމް ނަޒާހާއަށް އިންޒާރު ދީފައިވާ ކަމަށް ބުނާ ބުނުމަކީ ތެދެއް ކަމުގައި ބެލި ނަމަވެސް ނުވަތަ ނޫން ނަމަވެސް މަރިޔަމް ނަޒާހާއަށް އާންމުކޮށް އަނިޔާ ކުރާ މީހަކު އޭނާގެ ހުއްދައެއް ނެތި، އޭނާ ދިރިއުޅޭ ތަނަށް ވަދެ އޭނާއަށް އަލުން އަނިޔާކޮށްފާނެ ކަމަށް ދެކުމަކީ އެފަދަ ހާލަތެއްގައި ހުރި މީހަކަށް ބިރު ކުރިމަތިވެދާނެ ފަދަ ހާލަތެއް ކަމަށް ދެކެން،" އެކަމަނާގެ ރައުޔުގައިވެއެވެ. އެހެންވެ، އެފަދަ ހާލަތެއްގައި ސަބަބުވެރި މީހަކު ވެސް އަމަލުކުރާނީ ބިރުން ކަމަށާއި، ނަޒާހާ ހުރި ހާލަތާއި ތަހައްމަލު ކުރަމުންދިޔަ އިހުމާލާއި އަނިޔާއަށް ބަލައި، ހާދިސާއިން އެނގެން ހުރި ކަންކަމަށް ބަލާއިރު، ނަޒާހާ ހަމަލާ ދިނީ ގަސްތުގައި ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. އެހެންވެ، ގަސްތުގެ ނިޔަތް ދައުލަތަށް ސާބިތުނުކުރެވޭ ކަމަށް ބުރަވެވޭ ކަމަށް ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވިއެވެ. ނަމަވެސް މީހަކު ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ދޭން ޖެހޭކަން ފާހަގަކުރެއްވިއެވެ. އެހެންވެ، ފަނޑިޔާރު ޝުޖޫން މައްސަލަ ނިންމަވަން ފެންނަ ކަމަށް ވިދާޅުވީ، މައްސަލައިގެ ހުކުމް ކުރަން އަލުން ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އެ މައްސަލައިގައި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ތާއިދު ކުރެއްވީ އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ކަމަށްވާއިރު ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ތާއިދުކުރެއްވީ ފަނޑިޔާރު ޝުޖޫންގެ ރައުޔަށެވެ. އެހެންވެ، އަޣުލަބިއްޔަތުން މައްސަލަ ނިމިފައިވަނީ ހައިކޯޓުގެ ނިންމުން ބަދަލުކުރަން ނުޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ