ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާ މާރާމާރީ ހިންގައިގެން ހައްޔަރުކޮށްފި
ހުޅުމާލޭގައި އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާ މިއަދު މާރާމާރީ ހިންގި މައްސަލައެއްގައި، ދެ މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލޭ ބުރެވިގަސް މަގުގައި ހުރި ލޮޓްއެއް ކައިރީ ހިނގި މާރާމާރީއެއްގެ މައްސަލަ މިއަދު 13:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިންގި ކަމާއި އެ އާއިލާގެ އިތުރު ބަޔަކު ވެސް އެ ހަމަނުޖެހުމުގައި ބައިވެރިވިކަން އެނގުނު ކަމަށް އެ މެސެޖުގައިވެއެވެ. ފުލުހުން ބުނީ އެ މާރާމާރީގައި އެކަކުގެ ބޯފެޅި، ދެ މީހުންނަށް ވެސް ތަފާތު ކުދި އަނިޔާތައް ލިބުނު ކަމަށެވެ. އެ ދެ މީހުން ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފަރުވާއަށް ފަހު ވަނީ ދޫކޮށްލައިފައެވެ. އެއަށްފަހު ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އާބާދީ ބޮޑު ހުޅުމާލޭގައި މާރާމާރީތައް ހިންގައި، މީގެ ކުރިން ބައެއް މީހުންނަށް ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ވެސް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ