ޕީއެންސީގެ ބައެއް މެންބަރުން ވެސް ދެކޮޅު ހަދަނިކޮށް ފަނޑިޔާރުން މަދުކުރާ ބިލު ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ބައެއް މެންބަރުން ވެސް ދެކޮޅު ހަދަމުން ދަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު އަނެއްކާ ވެސް އިތުރަށް އިސްލާހުކުރުމަށް ޖުޑިޝިއަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވީ މިދިޔަ އަންގާރަ ދުވަހެވެ. އެހެންވެ، މިއަދުގެ ޖަލްސާގައި އެ ބިލުގެ މަސައްކަތް އޮތީ އެޖެންޑާކޮށްފައެވެ. ނަމަވެސް، 45 ވަރަކަށް މިނެޓަށް ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ފަހު، އެ ބިލު ކޮމިޓީއަށް ފޮނުވަން މިއަދު ވަނީ ވޯޓަށް އަހައިފައެވެ. ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އަލުން ބިލު އެކަމާ ގުޅުން ހުރި ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވައިފައެވެ. މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ. އެ ހުށަހެޅުމާ އެއްގޮތަށް ވޯޓު ނެގިއިރު 50 މެންބަރުން ވަނީ ހުށަހެޅުން ފާސްކުރުމަށް ވޯޓު ދެއްވައިފައެވެ. ދެކޮޅަށް ވޯޓުދެއްވީ ހަތް މެންބަރުންނެވެ. އޭގެ ތެރޭގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ހިމެނެއެވެ. ބަހުސްގެ ވަގުތުގައި އެ ބިލާ ދެކޮޅަށް ބަހުސްކުރެއްވި ޕީއެންސީގެ ދެ މެންބަރުން ކަމަށްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުންނެކޭ އެއްފަދައިން އެ މެންބަރުން ވެސް ވަނީ ބިލު އޮތީ އެންމެ ރަނގަޅަން ނޫން ކަމަށް ބަހުސްގެ ވަގުތުގައި ވިދާޅުވެފައެވެ. އެ ބިލު މަޖިލީހުން ބޭރުކުރުމަށް ވެސް މެންބަރު އަޒާނާއި އައްބާސް ގޮވައިލިއެވެ. https://sun.mv/203780 ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ މަހުގެ 26ވީ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލު ހަމަ އެ ދުވަހު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ބިލުގައި ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވިއެވެ. އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ބައެއް މެންބަރުން އޭރު ވެސް ޚިޔާލު ފާޅުކުރިއެވެ. ނަމަވެސް، ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ވަނީ އަޑުގަދަކުރި އެމްޑީޕީ މެންބަރުން ތަޅުމުން ނެރުމަށް ފަހު ބިލު ފާސްކޮށްފައެވެ. އެކަމަކު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް މުއިއްޒު ވަނީ ބިލު ތަސްދީގުނުކުރައްވައި، އަލުން ބިލާ މެދު ވިސްނެވުމަށް ތަޅުމަށް ފޮނުއްވައިފައެވެ. އެ ބިލާ މެދު ގާނޫނީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، ބާ ކައުންސިލްގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށެވެ. އެހެންވެ، ބިލު ތަސްދީގުނުކުރައްވައި، އިސްލާހުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެ ކައުންސިލުންވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ