މިލާނުން ފަހަތުން އަރައި ބޮލޯނިއާ ބަލިކޮށްފި މިލާނުން ފަހަތުން އަރައި ބޮލޯނިއާ ބަލިކޮށްފި

މިލާން (މެއި 10) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނުން ފަހަތުން އަރައި 3-1 އިން ބޮލޯނިއާގެ މައްޗަށް ކުރިހޯދައިފި އެވެ.
މި ނަތީޖާއާ އެކު، މިލާން އޮތީ 36 މެޗުން 60 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. މިލާނުން މަސައްކަތް ކުރަމުން އަންނަނީ ސީޒަން ނިމޭއިރު ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނުމަށެވެ. ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށް 35 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ބޮލޯނިއާ ހަތް ވަނައިގައި އޮތީ 36 މެޗުން 62 ޕޮއިންޓާ އެކު އެވެ.
މިލާން ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ގިނަ އެޓޭކްތަކެއް ކޮށް ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ހޯދި އެވެ. އެކަމަކު، އޭގެއިން އެއް ބޯޅަ ވެސް ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔަ ކްރިސްޓިއަން ޕުލިސިޗް ޖެހި ޝޮޓް ބޮލޯނިއާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭ ބޮލޯނިއާ އިން ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، 49 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން، ރިކާޑޯ އޮރްސޮލީނީ އެވެ.
މެޗުގެ 73 ވަަނަ މިނިޓްގައި މިލާނުން ކައުންޓަ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތެއްގައި އެއްވަރުކުރި ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެންއެރިތާ އަށް މިނިޓް ތެރޭ، ސަންޓިއާގޯ ޖިމެނޭޒް އެވެ. އެއްވަރުކުރިތާ ފަސް މިނިޓް ފަހުން މިލާނަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ޕުލިސިޗް ޖެހި ގޯލުންނެވެ.
މިލާނަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޖެހީ، ޖިމެނޭޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ