ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގުން އީރާން މަހުރޫމްކުރުން ނޫން ގޮތެއް ގަބޫލު ނުކުރެވޭނެ: ޓްރަމްޕް
ވޮޝިންޓަން (3 ޖޫން 2025): ޔޫރޭނިޔަމް ފައްކާ ކުރުމުގެ ޓެކްނޮލޮޖީ އީރާނަށް ލިބޭގޮތަށް އެމެރިކާ އެއްބަސްވުމެއްގައި ސޮއި ނުކުރާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓުރުތު ސޯޝަލްގައި ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި ޔޫރޭނިޔަމް ފައްކާ ކުރުމުގެ އެއްވެސް ފުރުސަތެއް އީރާނަށް ލިބިގެންނުވާނެއެވެ. އަދި އެ ފުރުސަތު އީރާނަށް ލިބޭގޮތަށް އީރާނާއެކު އެމެރިކާ އެއްބަސްވުމަކަށް ނުދާނެއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އެއްވެސް ޒަމާނެއްގައި ނިއުކްލިޔާ ބާރުވެރިކަން އީރާނަށް ލިބިގެންނުވާނެއެވެ. އަދި ނިއުކްލިޔާ ހަތިޔާރުންވެސް އަދި ނިއުކްލިޔާ ޓެކްނޮލޮޖީންވެސް އީރާން ޖެހޭނީ މަހުރޫމް ކުރާށެވެ. މިނޫންގޮތެއް ނޯންނާނެއެވެ. ޔޫރޭނިޔަމް ފައްކާ ކުރުމުގެ ހައްގަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް ބައިނަލްއަގްވާމީ ގާނޫނުގައި އީރާނަށްވެސް ލިބިގެންވާ ހައްގަކަށްވާއިރު އެމެރިކާއާއި އިސްރާއީލު އަބަދުވެސް މަސައްކަތް ކުރަނީ މިހައްގުން އީރާން މަހުރޫމް ކުރާށެވެ. ޓްރަމްޕް މިގޮތަށް ވިދާޅުވިއިރު އެމެރިކާއާއި އިސްރާއީލަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ދެ ގައުމެވެ. އަދި ނިއުކްލިޔާ ހަތިޔާރުން އެހެން ގައުމުތަކަށް ބިރު ދައްކަމުން ގެންދާ ދެ ގައުމު ވެސް މެއެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ފަށާފައިވާތާ ދެ މަސްވެފައިވާއިރު މި ވާހަކަތަކަށް ކުރިއެރުމެއް ނުލިބެއެވެ. އަދި ކޮޅެއްގައިވެސް ނުޖެހެއެވެ. އެއީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލަން އެމެރިކާ އީރާނަށް މަޖުބޫރު ކުރާތީއެވެ. އީރާން ބުނާގޮތުން ޔުރޭނިޔަމް ފައްކާކުރާ އިންސައްތަ ދެ ގައުމަށް އެއްބަސްވެވޭ މިންވަރަކަށް ދަށް ކުރެވިދާނެއެވެ. ނަމަވެސް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށެއް ނުލެވޭނެއެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކުން އީރާނަށް ލިބިދޭ ހައްގަކަށްވެފައި ޔޫރޭނިއަމް ފައްކާ ކުރުމުގެ ހައްގު ދޫކޮށްލުމަކީ ނިއުކްލިޔާ މަދަނީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ހައްގުން އީރާން މަހުރޫމް ވެގެންދާނެ ކަމަކަށް ވާތީއެވެ. މަދަނީ ބޭނުންތަކަށް ޔޫރޭނިޔަމް ފައްކާ ކުރުމުގެ ހައްގު ދިފާއު ކުރުމަށްޓަކައި ހަނގުރާމަ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންކުރަންވެސް އީރާން އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ޔޫރޭނިޔަމް ފައްކާ ކުރުމުގެ ޓެކްނޮލޮޖީ އީރާނަށް ލިބޭގޮތަށް އެމެރިކާ އެއްބަސްނުވާނެކަމަށް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވިދާޅުވުމާ ގުޅިގެން އީރާނުގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވަނީ އެމެރިކާގެ ސިޔާސަތު މިގޮތަށް ހުރެއްޖެނަމަ އެމެރިކާއާއެކު ކުރިޔަށް ގެންދާ ނިއުކްލިޔާ ވާހަކަތައް ދެން ކުރިޔަކަށް ނުދާނެއެވެ. އަދި ވާހަކަތައް ކޮޅެއްގައި ނުޖެހި ރޫޅިގެން ދާނީއެވެ. މިއާއެކު އެވާހަކަތަކުން އީރާން ޖެހޭނީ ވަކިވާށެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި މަދަނީ ބޭނުންތަކަށްވެސް ޔޫރޭނިޔަމް ފައްކާ ކުރުމުގެ ހައްގު އީރާނަށް ލިބޭގޮތަށް އެމެރިކާ އެއްބަސްވެއްޖެނަމަ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާނެއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އީރާނާއެކު ދައްކާ ނިއުކްލިޔާ ވާހަކަތަކުގެ އަމާޒަކީވެސް ޔޫރޭނިއަމް ފައްކާކުރުމުގެ ފުރުސަތު އެއްވެސް ވަރަކަށް އީރާނަށް ނުދިނުމެވެ. މިއީ އިސްރާއީލުގެ ވެސް ސިޔާސަތެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެމެރިކާއާއި އީރާން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގައި އެެމެރިކާވަނީ ފަސް އިންސައްތައަށް ޔުރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނަށް ލިބިދޭގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ނަަމަވެސް އިސްރާއީލުގެ ނުފޫޒުގައި ޓްރަމްޕްގެ ވެރިކަމުގައި މި އެއްބަސްވުން އުވާލީއެވެ. ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އެމެރިކާއާއި އިސްރާއީލަށް ލިބިފައި އީރާނަށް ނުލިބެންޖެހޭ ސަބަބެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ. އަދި އެމެރިކާއާއި އިސްރާއީލަށް ބޭނުންވަރަކަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އޮވެފައި އީރާނަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނޯންނަންވީ ސަބަބެއްވެސް އެމެރިކާއަށް ބުނެދެވިފައެއް ނުވެއެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލާނަމަ ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ އެމެރިކާއަށް ދެވިދާނެކަމަށް އީރާން ބުނެއެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލިނަމަވެސް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްނުލާނެކަމަށާއި އެކަމުގެ ދިފާއުގައި ހަނގުރާމަ ކުރަންޖެހިއްޖެނަމަ އެކަން ކުރަންވެސް އީރާން އޮތީ ތައްޔާރަށްކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ