ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ރައީސަށް އެވޯޑެއް

ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް އެމަނިކުފާނަށް ރޭ ދެއްވައިފިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި، މި އެވޯޑު ރައީސް މުއިއްޒަށް އެރުއްވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ޑަބްލިއުއެޗްއޯއިން ކޮންމެ އަހަރަކު ވެސް އެވޯޑު ދެއެވެ. މީގެ ތެރޭގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔެސެސް ދެއްވާ ޚާއްސަ ރިކޮގްނިޝަން އެވޯޑްތަކާއި، ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑްތައް ހިމެނޭއިރު، މި އަހަރު ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ޚާއްސަ ރިކޮގްނިޝަން ސެޓްފިކެޓް ވެސް ވަނީ ހިމަނައިފައެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ، މިއީ ހަމައެކަނި ރާއްޖެއަށް ހާސިލުވި ކާމިޔާބީއެއް ނޫން ކަމަށެވެ. މިއީ ދުންފަތް މަނާކޮށްފައިވާ ގައުމަކަށް ވުމަށް މަސައްކަތްކުރާ ގައުމުތަކަށް ވެސް ރަނގަޅު މިސާލެއް ކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. ދިވެހިންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ އަންނަން އޮތް ޖީލުތަކުގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުވާނެ ކަމެއް ކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ. މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ. މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ