ޖެނިންގައި އިޒްރާއީލުން ފަލަސްތީނުގެ އިތުރު ދެ މީހުން ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕްގައި އިޒްރާއީލް ސިފައިން ރޭ ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ އިތުރު ދެ މީހުން ޝަހީދުކޮށްލައިފިއެވެ.
މިދެމީހުންނާއެކު މިދިޔަ ދެ ހަފްތާގެ ތެރޭގައި އިޒްރާއީލުން ޖެނިންގައި ފެށި ބޮޑު އޮޕަރޭޝަނުގައި ޝަހީދުވި މީހުންގެ އަދަދު 19 އަށް ވަނީ އަރާފައެވެ.
ފަލަސްތީނުގެ މިނިސްޓްރީ އޮފް ހެލްތުން ބުނާ ގޮތުގައި ޝަހީދުވި ދެ މީހުންނަކީ ޔަޒަން ހާތަމް އަލް-ހަސަން އާއި އަމީރު އަބޫ ހަސަންއެވެ. މި ދެ މީހުން ޝަހީދުވީ އިޒްރާއީލް ސިފައިން ބަޑިޖެހުމުންނެވެ.
ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން ބުނާ ގޮތުގައި ރެފިއުޖީ ކޭމްޕްގެ އިމާރާތަކަށް އިޒްރާއީލުން ދިން ވައިގެ ހަމލާއެއްގައި ތިން އަންހެނުން ޒަޚަމްވެފައިވެއެވެ. މި އަންހެނުންނަކީ މެދު އުމުރުގެ އަންހެނުންނެވެ.
އިޒްރާއީލުގެ ދިފާއީ ވަޒީރު އިސްރާއެލް ކަޓްޒް ބުނީ މި އޮޕަރޭޝަނުގެ މަޤްޞަދަކީ "ޓެރަރިޒަމްގެ އިންފްރާސްޓްރަކްޗަރ" ނައްތާލުން ކަމަށެވެ. އަދި އޮޕަރޭޝަން ނިމުމަށްފަހުވެސް އިޒްރާއީލް ސިފައިން ކޭމްޕުގައި ތިބޭނެ ކަމަށް އޭނާ ބުންޏެވެ.
ޖެނިންގައި މި ހަމަލާ ދިނީ އިޒްރާއީލް ސިފައިންގެ މީހަކު މަރުވި ކަމަށް ބުރާސްފަތި ދުވަހު އިޢުލާނު ކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން ބުދަ ދުވަހު ރާމަﷲގައި ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލިއެވެ.
މި މަހުގެ ކުރީކޮޅު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމާ އެކު، އިޒްރާއީލުން ޖެނިންގައި "އަޔަން ވޯލް" ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ